05 Sep 2015, 22:00
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދަށް ވަޅިން ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަހުފޫޒަށް ދިން ހަމަލާ ސަރުކާރުން ކުށްވެރި ކުރާ ކަމަށެވެ.
Govt strongly condemns the barbaric attack on Mahfooz, which has come after a prolonged period of calm. Perpetrators will face justice.
— Umar Naseer (@UmarNaseerPPM)September 5, 2015
އުމަރު އެހެން ވިދާޅުވި އިރު އަދި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
މާވެޔޮމަގު ވާދީ ފުރެޝް ކައިރިން މަހުފޫޒަށް ހަމަލާ ދިނީ ސައިކަލެއްގައި ދިޔަ ބައެކެވެ.
އޭނާ އަށް ލިބުނު ޒަޚަމްތަކާ ގުޅިގެން ކޮށްފައިވާ އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު "ސަން" އަށް ވިދާޅުވީ، މަހުފޫޒަށް ދިން ހަމަލާއާ ގުޅިގެން "ވަރަށް ސީރިއަސް ތިން ގަޑިއިރުގެ އޮޕަރޭޝަނެއް" ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނަށް ފަހު މިހާރު މަހުފޫޒުގެ ހާލު ރަނގަޅުކަމަށް ޒީނަތު ވިދާޅުވި އެވެ.
ވަޅިން ހަމަލާދީފައި ވަނީ މަހުފޫޒުގެ މޫނުން ލޮލާ ދިމާލުން އަރިމަތީގައި ހުންނަ ހިނދިވަޅު ނުވަތަ އައިސޮކެޓްއާ ދިމާވާ ގޮތަށެވެ. ޒީނަތު ވިދާޅުވީ އޮޕަރޭޝަނަށް ފަހު އެންމެ ފަހުން ހެދި ޓެސްޓުތައް ދައްކާގޮތުން ވެސް މަހުފޫޒުގެ ފެނުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.