06 Sep 2015, 09:09
މެދުއިރުމައްޗާއި އެފްރިކާގައި ކުރިއަށްދާ ހަނގުރާމަތަކުގެ ސަބަބުން ހާލުގައި ޖެހި ފިންލޭންޑަށް އަންނަ ރެފިއުޖީންނަށް އަމިއްލަ ގެކޮޅުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމާފައިވާކަމަށް ފިންލޭންޑުގެ ބޮޑުވަޒީރު ޔޫހާ ސީޕިލިއާ ވިދާޅުވެއްޖެ އެވެ.
ފިންލޭންޑުގެ ވެރިރަށް ހެލްސިންކީގައި ދިރިއުޅުއްވާ ސީޕިލިއާ ވިދާޅުވި ގޮތުގައި، އެގައުމުގެ އުތުރުގައި އޮންނަ ކެމްޕެލޭގައި މިހާރު ބޭނުންނުކުރާ އޭނާގެ ގެކޮޅުގައި ރެފިއުޖީންނަށްޓަކައި އަންނަ އަހަރުގެ ކުރީކޮޅު ބޯހިޔާވަހިކަން ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން އޭނާ ވަނީ ހަނގުރާމައާއި ފަގީރުކަމުގެ ސަބަބުން ޔޫރަޕުގެ ގައުމުތަކަށް ހިޖުރަކުރާ މީހުންނަށް ހުރި ވަސީލަތްތައް ފޯރުކޮށްދިނުމަށް އެގައުމުގެ ރައްޔިތުންނަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ގޮވާލައްވާފައެވެ.
"އަހަރެމެން އެންމެންވެސް ލޯގަނޑެއްގެ ކުރިމައްޗަށް އަރައި، ރެފިއުޖީންނަށް އެހީވުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހަންޖެހޭ،" ފިންލޭންޑުގެ ގައުމީ ބްރޯޑްކާސްޓަރަށް ސީޕިލިއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގްރީސް އާއި އިޓަލީ އަދި ހަންގޭރީއަށްދާ 120،000 ރެފިއުޖީން އެހެން ގައުމުތަކަށް ބަހާލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނިންމާފައިވާތީ، އެކަމަށް އީޔޫގެ ގައުމުތަކުން އިސްނަގަންޖެހޭ ކަމަށެވެ. އަދި ފިންލޭންޑުން އެކަމުގައި ނަމޫނާ ދައްކާނެކަމާމެދު އުއްމީދުކުރާ ކަމަށް ވެސް ސީޕިލިއާ ވިދާޅުވި އެވެ.
އައިސްލޭންޑުގެ ސަރުކާރުން 50 ރެފިއުޖީން ގަބޫލުކުރަން ނިންމުމުން، އެގައުމުގެ ރައްޔިތުން ވެސް ވަނީ އެމީހުންގެ އަމިއްލަ ގެތައް ރެފިއުޖީންނަށް ހުޅުވާލާފައިވާ ކަމަށް އިއުލާންކޮށްފައެވެ.
މައުލޫމާތު: ރޮއިޓާސް، ދަ އިންޑިޕެންޑެންޓު