އެފްއޭއެމްގެ އާ އަސާސީ ގަވާއިދު ފާސް ކުރުމުގެ ކަންކަން ސުލްހަވެރިކަމާއެކު ދިޔުމަކީ ފުޓްބޯޅައިގެ އާއިލާގެ މެދުގައި އޮތް އެކުވެރިކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ވިދާޅުވެއްޖެއެވެ.

އެފްއޭއެމްއިން އެކުލަވާލި އެ އިދާރާގެ އަސާސީ ގަވާއިދު ފާސްކުރުމަށް ހޮޓެލް ޖެންގައި އިއްޔެ ބޭއްވި ކޮންގްރެސްއަށް ފަހު ސޯޝަލް މީޑިއާގައި ޝަވީދު ވިދާޅުވީ، އެފްއޭއެމް އަސާސީ ގަވާއިދު ފާސް ކުރުމުގެ ކަންކަން ސުލްހަވެރިކަމާއެކު ދިޔުމަކީ ފުޓްބޯޅައިގެ އާއިލާގެ މެދުގައި އޮތް އެކުވެރިކަން ހާމަކޮށްދޭ ކަމެއް ކަމަށާއި މިއީ ދިވެހި ފުޓްބޯޅައިގައި ތާރީހީ ދުވަހެއްކަމަށެވެ.

ޝަވީދު ވިދާޅުވީ، ދިވެހި ފުޓްބޯޅައިގެ ކުރިމަގަށް ބާއްޖަވެރި އުޖާލާ މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިއްޔެ ފާސް ކުރި އެފްއޭއެމް ކޮންގްރެސްގައި އެފްއޭއެމްގެ އިންތިހާބުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެފްއޭއެމްގެ މެންބަރުންނަށް ވޯޓް ދިނުމުގެ ހައްގު ލިބޭނެގޮތަށް 44 ކުލަބަށް ވޯޓް ދިނުމަށް ގަވާއިދުގައި ވަނީ ހިމަނާފައެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލިލް ވިދާޅުވީ، އެފްއޭއެމްގެ އިންތިހާބު އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށެވެ.

އިންތިހާބު ބާއްވާނީ އިންތިހާބު އިއުލާން ކުރާތާ ދެ މަސްފަހުންނެވެ.

ކޮންގްރެސްގެ ކަންތައް ދިޔަގޮތާ މެދު ފީފާއިން ވަޑައިގެންނެވި މަންދޫބުވެސް ވަނީ ހިތް ހަމަޖެހުން ފާޅުކުރައްވާފައެވެ.