ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސީރިއާގެ ރެފިއުޖީންނަށް ރެއާލް މެޑްރިޑުން އެއް މިލިއަން ޔޫރޯގެ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ.

ރެއާލް މެޑްރިޑްގެ ވެބްސައިޓްގައި ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެކުލަބުން އެހީތެރިކަން ފޯރުކޮށްދެނީ ސީރިއާގެ ހަނގުރާމައިގެ ސަބުބުން ހާލުގައި ޖެހިގެން ރެފިއުޖީންގެ ގޮތުގައި ސްޕެއިންއަށް ހިޖުރަ ކުރަމުންދާ ރެފިއުޖީންނަށް ކަމަށެވެ.

"މިއީ ހަނގުރާމައިގެ ނުރައްކާތެރިކަމާއި މަރަށް ސަލާމަތްވުމުގެ ގޮތުން އެބައިމީހުންގެ ގެތަށް ދޫކޮށްފައި ދުރަށް އަންނަން މަޖުބޫރުވި އަންހެނުންނަށާއި ފިރިހެނުންނަށާއި ކުޑަކުދިންނަށް އެހީވުމުގެ ގޮތުން މި ކުލަބުގެ ޗެރިޓީ ޒިންމާގެ ދަށުން އަދާކުރަން ޖެހޭ ހައްގެއް،" ރެއާލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރެއާލްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެކުލަބުގެ ރައީސް ފްލެރެންޓީނޯ ޕެރޭޒް އިއްޔެ ސްޕެއިންގެ ބޮޑުވަޒިރު މަރިއާނޯ ރާޖޯއީއަށް ފޯނުން ގުޅުއްވައި ސްޕޭނަށް އަންނަ ރެފިއުޖީންގެ ކަންކަން ބެލެހެއްޓުމަށާއި އެހީތެރިވުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ރެއާލް މެޑްރިޑުން އެއްބާރުލުން ދޭނެ ކަމަށެވެ.

ރެއާލުން ބުނީ ރެފިއުޖީންގެ ގޮތުގައި އަންނަ ޒުވާން ކުދިންނަށް ތަފާތު ސުކީމެއްގެ ދަށުން އެހީތެރިވެ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ އެކުލަބުގެ ކުޅިވަރު ކުރިއަރުވާ ތަރައްގީ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ރެފިއުޖީންނާ ބެހޭ ބައިނަލްއަގުވާމީ އެގްޒެކެޓިވް ކޮމިޝަނާއި ގުޅިގެން ރެފިއުޖީންގެ ކަންކަން ބެލެހެއްޓައި އެހީތެރިވެދިނުމުގެ ގޮތުން ކަމަށެވެ.