18:10
މަޑަވެލި ސްކޫލް ތެރެއަށް ފުލުހުން ވަދެއްޖެ އެވެ. އެރަށުން ދެންމެ މައުލޫމާތު ލިބުނު ގޮތުގައި އެރަށް ގޮސް އުޅޭ ފުލުހުންގެ ޓީމުން ސްކޫލްތެރެއަށް ވަދެ، ޖެހިގެން އުޅޭ މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ބެލެނިވެރިންނާއި ޓީޗަރުން އަދި ދަރިވަރުންނާ ފުލުހުން ވާހަކަދައްކަމުންދާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
---

ގދ. މަޑަވެލީ ސްކޫލްގެ މަތީ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން ސްކޫލްގެ ބައެއް ތަކެއްޗަށް ގެއްލުންދީ ދޮރާށި ތަޅުލުމަށްފަހު މިއަދު ސްކޫލް ބަންދު ކުރުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ފުލުހުން މަޑަވެއްޔަށް އަރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މަޑަވެލީ ސްކޫލުގެ ދަރިވަރުންތަކެއް އެ ރަށުގެ ސްކޫލް ބަންދުކޮށްގެން އުޅޭތީ އެ މައްސަލަ ހައްލުކުރުމަށް ފުލުހުން އެރަށައް މިހާރު ގޮސްފައި ވާކަމަށެވެ.

"ގދ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުން އެރަށައް ގޮސްގެން އެ އުޅެނީ. އެބޭފުޅުން މެންދުރެއް ހާއިރުއްސުރެ އެ ރަށުގައި ހަރަކާތްތެރިވަމުން އެ ދަނީ،" ޝިޔާމް ވިދާޅުވި އެވެ.

އެ ރަށުގެ ކައުންސިލް އިދާރާއިން މިއަދު ބުނީ ބައެއް ބެލެނިވެރިންނާ އެކު ފުލުހުން އެ ރަށު ކައުންސިލް އިދާރާގައި ބައްދަލު ވުންތަކެއް ބާއްވަމުން އަންނަ ކަމަށާއި ފުލުހުންނާއި ބެލެނިވެރިންނާ ދެމެދު މަޝްވަރާ ކުރަނީ ސްކޫލް އަލުން ހުޅުވައި ކިޔެވައިދޭނޭ ގޮތަކާ މެދު ކަމަށެވެ.

"މި ސްކޫލްގަވެސް ކިޔަވަދޭން ޖެހޭނެ ނޫންތޯ؟ އެގޮތުން ފުލުހުން ބެލެނިވެރިންނާ މަޝްވަރާ ކުރަމުން ދަނީ މި މައްސަލަ ހައްލުކުރާނެ ގޮތަކާ މެދު،" މަޑަވެލީ ކައުންސިލްގެ މެންބަރަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

މަޑަވެލީ ދަރިވަރުން އެ ކުދިން ކިޔަވަންދާ ސްކޫލް ބަންދުކުރީ އެޑިއުކޭޝަންގެ އެންގުމުން މާލެ ވަޑައިގަތް ހުންނެވި އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އިގްބާލް ހަމީދަށް ސްކޫލްގެ ޕްރިންސިޕަލްކަން ދިނުމަށް ކަމަށް ބުނެ އެވެ.

ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅު އެ ސްކޫލްގެ ބެލެނިވެރިންތަކެއް ނުކުމެ ސްކޫލް ބަންދުކުރީ އިގްބާލާ މެދު ހިތްހަމަނުޖެހިގެންނެވެ. އޭގެ ދެ ހަފްތާ ފަހުން ތަޅު ނައްޓާލާ ކިޔެވުން އަލަން ފެށުމަށް ބެލެނިވެރިން ހުއްދަ ދިނީ އިގްބާލް މަގާމުން ދުރު ކުރުމުންނެވެ.