05 Sep 2015, 19:42
މެދު އިރުމައްޗާއި އެފްރިކާގައި ހިނގަމުންދާ ލޭ އޮހޮރުވުންތަކުގެ ސަބަބުން އެ ގައުމުތަކުން ޔޫރަޕަށް ހިޖުރަކުރަމުންދާ ރެފިއުޖީންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، ފަޅު ރަށެއް ގަންނަން މިސްރުގެ ބިލިއަނަރަކު ހުށަހަޅައިފި އެވެ.
މިސްރުގެ ތިން ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު އޮތް ނަގުއިބު ސުވައިރިސް ބުނި ގޮތުގައި، އެއްލައްކަ އާއި ދެ ލައްކައާ ދެމެދުގެ މީހުންގެ އާބާދީއަކަށް އުޅެވޭނެ ވަރުގެ ފަޅު ރަށްތައް އިޓަލީ އަދި ގްރީސްގެ އަތުގައި އެބަހުއްޓެވެ. އަދި އޭގެން ރަށެއް ގަތުމަށް އޭނާ ހަރަދުކުރާނެ ވަކި މިންވަރެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ ވަރަށް ފަސޭހަ ހައްލެއް. އިޓަލީ ނުވަތަ ގްރީސް އިން އަހަންނަށް ރަށެއް ވިއްކާނީ. އެ މީހުންނަށް (ހިޖުރަކުރާ މީހުންނަށް) އަހަރެން އެރަށުގައި ވަގުތީ ބޯހިޔާވަހިކަމެއް ހަދައިދޭނަން. ބޯޓުތައް ކައިރިކުރުމަށް ކުޑަ ޕޯޓެއް ނުވަތަ މެރީނާއެއް ހަދައިދޭނަން. އަދި އެމީހުންގެ އަމިއްލަ ގެތަކާއި ސްކޫލުތަކާއި ހޮސްޕިޓަލްތަކާއި ޔުނިވާސިޓީއަކާއި ހޮޓެލް ހެދުމަށް ފުރުސަތު ދޭނަން،" ސީއެންއެން ދިން އިންޓަވިއުއެއްގައި ޓެލެކޮމް ބިލިނިއަނަރު ސުވައިރިސް ބުންޏެވެ.
ގަންނަ ރަށަށް "ހޯޕް" (އުއްމީދު) ގެ ނަމުން ނަން ދިނުމަށް ވިސްނާ ސުވައިރިސް ބުނި ގޮތުގައި، އެ ރަށަށް އަންނަ ރެފިއުޖީންނަށް އެ މީހުންގެ ގައުމަށް އެނބުރި ދިއުމަށް ނުވަތަ ރަށުގައި މަޑުކުރުމުގެ މިނިވަންކަން އޮންނާނެ އެވެ.
"އަހަރެން ހަމައެކަނި ބޭނުން ވަނީ ރެފިއުޖީން އެ ރަށަށް ގެންދިއުމުގެ ހުއްދައެއް. އޭގެ ފަހުން އަހަރެން އެއްވެސް ކަމެއް ބޭނުމެއް ނޫން. އަހަރެން ރަށް ގަންނާނަން. އަހަރެން ވަޒީފާ ފަހިކޮށްދޭނަން. އަހަރެން ހުރިހާ ލޮޖިސްޓިކް ކަމެއް ބަލަހައްޓާނަން. އަހަންނަށް މިކަން ވާނެ،" މިސްރުގެ މަޝްހޫރު ވިޔަފާރިވެރިޔާ ސުވައިރިސް ބުންޏެވެ.
ފަގީރު ކަމާއި ހަނގުރާމައިގެ ސަބަބުން ގިނަ ބަޔަކު ޔޫރަޕުގެ ގައުމުތަކަށް ހިޖުރަކުރަމުންދާއިރު، ބައެއް ޔޫރަޕު ގައުމުތަކުން ހިޖުރަކުރުމާ ގުޅޭ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު އަނެއް ބައި ގައުމުތަކުން ދަނީ އެގައުމުތަކަށް އިތުރު ރެފިއުޖީން އެތެރެވުމަށް ދެކޮޅު ހަދަމުންނެވެ.