05 Sep 2015, 19:16
ހުޅުމާލެ ޔޫތު ސިޓީއަކީ "ގްރީން އަދި ކުލީނު" ސިޓީއަކަށް ހެދުމަށް ހުރިހާ އެންމެން ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އިބުރާހިމް ތާރިގު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އެއް ފަހަރާ އެންމެ ގިނަ ގަސް އިންދުމުގެ ޕުރޮގުރާމު މިއަދު އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ މިއަދު ކަރެކްޝަނަލް ސާވިސް އިން ފެށި މަސައްކަތުގެ ސަބަބުން ސަރުކާރުގެ އެހެން މުއައްސަސާތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހި ފެހި ކުރުމުގެ މަސައްކަތް ވަރަށް ބާރު ސުޕީޑެއްގައި ކުރިއަށް ދާ ކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު ހުޅުމާލެ ދެވަނަ ފޭސްގައި މިއަދު ގަހެއް އިންދަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު
"އަޅުގަނޑު އަބަދުވެސް ދައްކަމުން މިދަނީ ހުޅުމާލެ އަކީ ޔޫތު ސިޓީއެކޭ ހުޅުމާލެ އަކީ ގްރީން ސިޓީއެކޭ ހުޅުމާލެ އަކީ ކްލީނު ސިޓީއެކޭ. މިކަންތައްތައް ދެމެހެއްޓުމަށް އަޅުގަނޑުމެން ހުރިހާ އެންމެން ވެސް އެބަޖެހޭ ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން،" ތާރިގު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕުރިޒަންސް މުހައްމަދު ހުޝާމު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކަރެކްޝަނުގެ އޮފިސަރުންނަކީ މުޅިން ތަފާތު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. އެގޮތުން ތޭރިތަކުގެ ތެރޭގައި މަސައްކަތް ކުރުމުގެ ބަދަލުގައި އެ ތޭރިތަކުގެ ބޭރުން މިހާރު ކަރެކްޝަނަލް ސާވިސް ވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ކޮމިޝަނާ އޮފް ޕުރިޒަންސް ހުޝާމު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު
"އެގޮތުން އަޅުގަނޑުމެން ފެށި ޕުރޮގުރާމެއް ފެހިވެހީގެ ޕުރޮގުރާމަކީ. މި ޕުރޮގުރާމުގެ ދަށުން މުޖުތަމައުއަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކޮށްދިނުމުގެ ވިސްނުންތައް އަޅުގަނޑުމެންގެ މިހާރުވެސް އެބަހުރި،" ހުޝާމު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލެ ދެ ވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ ވަރަށް ފުރިހަމަ ތަސައްވަރެއް މިއަދުގެ ސަރުކާރުން ގެންގުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ އޭޕްރީލު މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހި ފެހި ކުރުމުގެ ޕުރޮގުރާމް ރައީސް ޔާމީން އިފްތިތާހު ކޮށްދެއްވުމާ އެކު ކޮންމެ ހަފުތާއެއް އެއްފަހަރު ނުވަތަ ދެފަހަރު ގަސް އިންދުމުގެ ޕުރޮގުރާމެއް ކުރިއަށް ދާ ކަމަށެވެ.
"މިނިސްޓަރު ތާރިގު ފާހަގަކުރައްވާ ފަދައިން މި ހުޅުމާލެ ޔޫތު ސިޓީ ވެގެން މި އަންނަނީ ގްރީނު ވެސް އަދި ކްލީނު ވެސް ސިޓީ އަކަށް. އަޅުގަނޑުމެން މި ތަނުގައި [ހުޅުމާލެ ދެ ވަނަ ފޭސްގައި] 8200 ވަރަކަށް ގަސް މިހާރު ވަނީ އިންދާފައި،" ސައިމަން ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު
އޭނާ ވިދާޅުވީ ކަރެކްޝަނުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިންދުމަށް ނިންމާފައިވާ ގަސްތަކުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ބައެއް ފެހިކޮށް ނިމޭނެ ކަމަށެވެ.
ކަރެކްޝަނުން ބުނީ އެ ހަރަކާތުގައި 13000 އަށްވުރެ ގިނަގަސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކަރެކްޝަނުން ބުނީ އެ ޕްރޮގްރާމަށް ހޯދާފައިވާ ގަސްތައް އެޗްޑީސީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ކަރެކްޝަނުން ވަނީ އެ ޕްރޮގްރާމްގައި ގަސް އިންދުމަށް ޝައުގުވެރިވާ ކްލަބް، ޖަމްޢިއްޔާތަކަށާއި އާންމު ފަރުދުންނަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.