05 Sep 2015, 18:25
ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދެ ދަރިން ގޮވައިގެން ދިޔަ ކަމަށް ބުނާ ށ. ފޯކައިދޫ ދެމަފިރިން އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.
"ސަން" އެނގިފައިވާ ގޮތުގައި އެ ދެމަފިރިން ރާއްޖެ އައިސްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.
ސީރިއާ އަށް ދެ ދަރިން ގޮވައިގެން ދިޔަ ކަމަށް ބުނާ ދެ މީހުން އެނބުރި ރާއްޖެ އައިސްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް "ސަން" އަށް ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
އެ ދެމީހުން ރާއްޖެ އައިސްފައި ވަނީ އެ ދެމީހުން އެނބުރި ރާއްޖެ އައުމަށް ކުރިން ޓިކެޓު ނަގާފައިވާތާ ދެ ދުވަސް ކުރިން ނެވެ. އެ ދެމަފިރިން އެނބުރި ރާއްޖެ އައުމަށް "ރިޓާން ޓިކެޓު" ކުރިން ނަގާފައި ވަނީ އަންނަ ހޯމަ ދުވަހަ ށެވެ.
ދެ ދަރިން ގޮވައިގެން މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެއިން ފުރާފައި ވަނީ ފޯކައިދޫ މުހައްމަދު ސޯދިގު، 28، އާއި އޭނާގެ އަންހެނުން އާމިނަތު ޖީލާން، 27، އެވެ. އެ ދެމަފިރިންނަށް ލިބިފައިވާ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކަށް ހަ އަހަރު ފުރިފައިވާއިރު ހަގު ކުއްޖާއަށް އަދި ދެ އަހަރު ވެސް ނުވެ އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު "ސަން" އާ ވާހަކަދައްކަވަމުން ފޯކައިދޫ ކައުންސިލުގެ އިސް ބޭފުޅަކު ވިދާޅުވީ، އެ ދެމަފިރިން ރާއްޖެއިން ލަންކާއަށް ދިއުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުރާފައިވާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ، އެދެމީހުން މާލެއަށް ބަދަލުވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވާ ކަމަށާއި މާލެ ބަދަލުވީ ދަރިންނަށް ކިޔަވައިދިނުމުގެ ގޮތުން ކަމަށެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ލަންކާއަށް ދާން އެދެމަފިރިން ވަނީ ފުރައިފައެވެ. އަދި ލަންކާގައި ޓްރާންސިޓް ކުރުމަށްފަހު އެދެމީހުން ވަނީ ބެންކޮކަށް އެތެރެވެފައެވެ.
ކީރިތި ރަސޫލާގެ ހަދީސްތަކާއި އިސްލާމީ އިލްމުވެރިންގެ ބަސްތަކަށް ރިއާޔަތްކުރައްވައި ރާއްޖޭގެ އިސްލާމީ ފިގުހު އެކަޑަމީން ދާދިފަހުން ނެރުނު ފަތުވާއެއްގައި ވަނީ މިހާރުގެ ހާލަތަށް ބަލާއިރު އިސްލާމީ ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވާން ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ދިވެހިން ދިއުމަކީ ގައުމީ ކަންބޮޑުވުމެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ހަނގުރާމައަށް ދާ ފަރާތްތަކުގެ މައުލޫމާތު ލިބޭ ނަމަ އެކަން ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ބަލައި އެކަމާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅަން ޖެހޭ ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ވިދާޅުވެފައެވެ.