މިނިވަން 50 "ވަން ނޭޝަން ލައިޓް" އިވެންޓުގައި ބައިވެރިވި ބައިވެރިންގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ސެޓްފިކެޓް ދީފި އެވެ.

ގައުމީ ޔުނިވާސިޓިގެ އޮޑިޓޯރިއަމް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓްރީގެ އިސް ވެރިންނެވެ.

ވަން ނޭޝަން ލައިޓް އިވެންޓަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ ރަންޔޫބީލްއާ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ ހަރަކާތެކެވެ. އެގޮތުން އެ ހަރަކާތުގައި ވަނީ ރާއްޖޭގެ އެކި ކޮލެޖްތަކުގައި އޭލެވެލް ކިޔަވާ 280 ދަރިވަރަކު ބައިވެރިވެ، އެންމެން އެއްވެގެން ރާއްޖޭގެ ޗާޓު ގަލޮޅު ދަނޑުގައި ދައްކާލާފަ އެވެ.

މިއަދު ގައުމީ ޔުނިވާސިޓިގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓްރީގެ ނައިބު މާޒު ސަލީމް ވިދާޅުވީ މިނިވަން 50 އަށް ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތު އެހާ ކުލަގަދަކޮށް ފާހަގަކުރެވިގެން ދިޔައީ ބައިވެރިންގެ އެކުވެރިކަމުގެ ސަބަބުން ކަމަށެވެ.

އެ ހަރަކާތައް ކުދިން ހޯދުމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވެފައި ވަނީ ޔޫތު ލީޑާސް ނެޓްވޯކްގެ ފަރާތުންނެވެ. އެކަމަށް ޓަކައި މާޒު އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.