16 Mar 2011, 16:31
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާފައިވާތީ އިމިގްރޭޝަންގެ ކުރީގެ ޑިޕިއުޓީ ކޮންޓްރޯލާ އަދި ޒިނާމާދާރު ވެރިޔާ، މއ. މާފޮޅޭގޭ ހާމިދު ފަތުﷲގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
އޭސީސީން މިއަދު ބުނީ ހާމިދު ގަޑި ޖެހިގެން އޮފީހަށް ގޮސް އޮފީހުގެ އެޗްއާރް ސޮފްޓްވެއާއިން ފަތުﷲ އަމިއްލައަށް އޯވަޓައިމް އަޕްޑޭޓްކޮށް، އަމިއްލައަށް ގަޑި ބަދަލުކޮށް އޮވާޓައިމް އިތުރަށް ނަގާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލި އިރު ފަތުހުﷲ އަމިއްލައަށް ބަދަލުކޮށްފައިވާ ރިކޯޑްތައް މުސާރައާ އިތުރުގަޑީގެ ފައިސާ އެޕްރޫވް ކޮށްފައި ވަނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށެވެ.
އަދި ބުނެފައި ވަނީ އެޗްއާރް ސޮފްޓްވެއާގެ ރިކޯޑްތައް ބަދަލު ކުރެވެނީ ސެކްޝަންގެ ވެރިޔާގެ ހުއްދަ ލިބިގެން ހަމައެކަނި އެޗްއާރް ސެކްޝަންގެ މުވައްޒަފުންނަށް ކަމަށާއި އެ ޑިޕާޓްމަންޓް މުވައްޒަފުންނަށް ދީފައިވާ ޕާސްވޯޑްގެ ވެރިފަރާތުން އެހެން މީހަކަށް ޕާސްވޯޑް ނުދޭނަމަ އެހެން މީހަކަށް ޕާސްވޯޑް ނޭންގޭނެ ކަމަށެވެ.
"... ލިޔުންތަކުން ފެންނަ ރިކޯޑްތަކަކީ ރިކޯޑް ބަދަލު ކުރުމުގެ ހުއްދަ އޮތް ފަރާތަކުން ގެނެސްފައިވާ ބަދަލުތަކެއްކަން އެނގޭތީ ތަހުގީގު މަރުހަލާގައި ލިބުނު މައުލޫމާތުތަކުންނާއި މައްސަލައާ ގުޅޭ ލިޔެކިޔުންތަކުން މައްސަލަ ރައްދުވާ އެ ޑިޕާޓްމަންޓްގެ ކުރީގެ ޒިންމާދާރުވެރިޔާ ހާމިދު ފަތުހުﷲ އެ ޑިޕާޓްމަންޓްގެ އެޗްއާރް ސޮފްޓްވެއާއިން އޭނާގެ އަމިއްލަ ރެކޯޑް ބަދަލުކޮށް މުސާރައާ އޯވަޓައިމް ނަގާފައިވާ ސާބިތު ކުރެވޭ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ބެލެވޭ" ކަމަށެވެ. ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.
މި މައްސަލައިގައި ހާމިދުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިއަ އާދިއްތަ ދުވަހު އެވެ.