05 Sep 2015, 18:19
އަންނަ ރިޔާސީ އިންތިޚާބ،ު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ކެމްޕެއިންގެ އިސްކޮށް ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމުގެ މަހާސިންތާގެ ދެވަނަ ބުރު ހުޅުވައި ދެއްވުމަށް ވެސް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދައުވަތު އަރުވަން ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ނިންމައިފި އެވެ.
ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މިއަދު ހަވީރު ތާޖުއްދީނު ސުކޫލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އިބުރާހިމް މުއާޒު އަލީ (މުއާ) ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ސޮއިކުރައްވައި މަހާސިންތާގެ ދެވަނަ ބުރު ހުޅުވައިދެއްވުން އެދި ރައީސް މައުމޫނަށް މާދަމާ ހެނދުނުގެ ވަގުތެއްގައި ދައުވަތު އަރުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ފަސްޓު ލެޑީ މެޑަމް ފާތުންގެ ވަރަށް ބޮޑު ބޭނުންފުޅަކަށްވީ މި މަހާސިންތާ އަކީ ޕީޕީއެމްއާ އެހާ ބޮޑަށް ގުޅި ލާމެހިފައިވާ މަހާސިންތާ އަކަށް ވީތިވީ ރާއްޖޭގެ 30 އަހަރުގެ ވެރިކަން ކުރައްވާފައިވާ ބޭފުޅަކަށްވީމަ އަދި ޕީޕީއެމްގެ އެހާ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ މަހާސިންތާއެއްގެ ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު [ރައީސް މައުމޫން] ވާހަކަފުޅުދައްކަވާ އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަން،" މުއާ ވިދާޅުވި އެވެ.
މަހާސިންތާގެ ފުރަތަމަ ބުރު ހުޅުވައިދެއްވުމަށް ރައީސް މައުމޫނަށް ދެއްވި ދައުވަތު ގަބޫލުފުޅު ނުކުރެއްވި އެއްވެސް ސަބަބެއް އެނގިލައްވާތޯ "ސަން" އިން ދެންނެވުމުން މުއާ ވިދާޅުވީ ރައީސް މައުމޫނަށް ފޮނުއްވެވި ދައުވަތުގެ ޖަވާބެއް ރައީސް ޔާމީނުގެ ކެމްޕެއިނު އޮފީހަށް ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މުއާ ވިދާޅުވީ ރައީސް ޔާމީނުގެ ކެމްޕެއިނު އޮފީހާ ރައީސް މައުމޫނު ވަރަށް ގާތުން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ރައީސް މައުމޫނުގެ އިރުޝާދުތައް ކެމްޕެއިން އޮފީހަށް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހާސިންތާގެ ފުރަތަމަ ބުރުގައި ރައީސް ޔާމީނުގެ ދެކަނބަނލުންނާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު ބައިވެރިވެވަޑައިގަންނަވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"މި މަހާސިންތާގައި އެމަނިކުފާނުގެ އަމަލީ ބައިވެރިވުން ލިބިވަޑައިގެންފައި ނުވި ނަމަވެސް އަބަދުވެސް އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި އެމަނިކުފާނުގެ [ރައީސް މައުމޫނު} ސިޔާސީ ތަޖުރިބާގެ އަލީގައި އެމަނިކުފާނުގެ އިރުޝާދުތަކާ ހިލާފަކަށް މަސައްކަތެއް ނުކުރާނެ އިނގޭތޯ. އެއީ ވަރަށް ގާތް ގުޅުމެއް ރައީސް މައުމޫނާ ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހާ އޮވޭ އިނގޭތޯ،" މުއާ ވިދާޅުވި އެވެ.
މުއާ ވިދާޅުވީ މަހާސިންތާގެ ފުރުތަމަ ބުރު ނިމުމަކަށް މިރޭ އަންނައިރު މަހާސިންތާގެ ބައިވެރިންނަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާނެ ކަމަށެވެ.
ކަމާ ގުޅުންހުރި ތަޖުރިބާކާރުންގެ އިލްމީ އިރުޝާދުތައް މަހާސިންތާގެ ބައިވެރިންނަށް ލިބިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަހާސިންތާގެ ދެވަނަ ބުރު ހުޅުވައިދެއްވުމަށް އެދި ރައީސް މައުމޫނަށް ދައުވަތު އަރުވާފައިވާއިރު މަހާސިންތާގެ ފުރަތަމަ ބުރުގެ ދައުވަތު ގަބޫލު ނުކުރެއްވުމުން އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލް ޣަފޫރު އެވެ.
މަހާސިންތާގެ ފުރަތަމަ ބުރު ހުޅުވައި ދެއްވުމުގެ ދައުވަތު ވެސް ރައީސް މައުމޫނަށް އެރުވީ، ނައިބު ރައީސް އަދީބެވެ.
އަދީބު އެ ދައުވަތު ރައީސް މައުމޫނަށް އަރުވާފައި ވަނީ ސަރުކާރުގެ ނިންމުންތަކާ މެދު ރައީސް ޔާމީނާއި ރައީސް މައުމޫން ހިޔާލުތަފާތުވެފައިވަނިކޮށެވެ.
ބޭރު ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރުމުގެ ކުރިން އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް މައުމޫން، ރައީސް ޔާމީނަށް ދަންނަވާފައި ވަނިކޮށް، އެ އިސްލާހު ވަނީ ތަސްދީގު ކުރައްވާފަ އެވެ.
މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ގޮތެއް ނުނިންމުމުން، އެ މައްސަލަ ވަނީ ޕީޕީއެމްގެ ކައުންސިލަށް ހުށަހަޅާފަ އެވެ.