05 Sep 2015, 18:36
މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ 530 ދަރިވަރަކަށް ލޯނަށް އެދުމުގެ ފުރުސަތު ޑިޕާޓުމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.
އެ ޑިޕާޓުމަންޓުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ފުރުސަތަކީ މި އަހަރު އަލަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުޅުވާލައިފައިވާ ފުރުސަތުތަކެއް ކަމަށެވެ.
އެ ޑިޕާޓުމަންޓުން ހުޅުވާލި ފުރުސަތުގެ ތެރެއިން ގިނައީ ރާއްޖޭގައި ތިބެގެން ކިޔަވަން ބޭނުންވާ ކުދިންނަށް ހުޅުވާލައިފައިވާ ފުރުސަތެވެ. އެގޮތުން ރާއްޖޭގައި ތިބިގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެކި ދާއިރާތަކުން މުޅި ޖުމުލަ 350 ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެކި ދާއިރާތަކުން 180 ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ރާއްޖެއިން ބޭރު ގައުމުތަކުގެ ތެރޭގައި ދަރިވަރުންނަށް މަތީ ތައުލީމު ހާސިލު ކުރުމަށް ފުރުސަތު ލިބިފައިވާ ގައުމުތަކަކީ އެމެރިކާއާއި ބަންގުލަދޭޝްގެ އިތުރުން ސާކުގެ ގައުމުތަކެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ އެ ސުކީމަށް ލޯނު އެހީ ދެވޭނީ ތަޢުލީމީ އާ މަރުޙަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރުންނަށް ކަމަށެވެ. އަދި މިހާރު ހާސިލްކޮށްފައިވާ ކޯހުގެ ފެންވަރަށްވުރެ މަތީ ކޯހެއް ކަމުގައިވާންޖެހޭނެ ކަމަށް ވެސް އެ ޑިޕާޓުމަންޓުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.
އެ ޑިޕާޓުމަންޓުން ބުނީ ރާއްޖޭގައި ކިޔަވާ ކޯހެއްނަމަ އެމްއެންކިޔުއެފް ލެވެލް ފަހަކުން ފެށިގެން އެމްއެންކިޔުއެފް ލެވެލް ނުވައެއްގެ ފެންވަރާ ދެމެދު ގެ ކޯހެއްގައި ކިޔެވުމަށްއެދޭ ފަރާތަކަށް އެ ސްކީމުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކޯހެއްނަމަ އެމްއެންކިޔުއެފް ލެވެލް ހަތަކުން ފެށިގެން ނުވައެއްގެ ފެންވަރާ ދެމެދު ގެ ކޯހެއްގައި ކިޔެވުމަށްއެދޭ ފަރާތަކަށް ވެސް އެ ސްކީމުގައި ބައިވެރިވެވޭނެ ކަމަށްވެ ހަޔާ އެޑިއުކޭޝަނުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ވަނީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނު އެހީގެ ގޮތުގައި ފުރުސަތު ލިބިގެން ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތްތަކަށް ލޯނު ނުލިބޭނެ ކަމަށެވެ.
އަލަށް ކިޔަވާ ކުދިންނަށް ލޯނު ދިނުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފައިވާއިރު މިހާރު ކިޔަވަމުންދާ 200 ދަރިވަރަކަށް ވެސް ލޯނު ލިބުމުގެ ފުރުސަތު އެ ޑިޕާޓުމަންޓުން ވަނީ ފަހިކޮށްދީފަ އެވެ.
އެގޮތުން މިހާރުވެސް ރާއްޖޭގައި ތައުލީމު ހާސިލު ކުރަމުން އަންނަ 140 ދަރިވަރަކަށް ލޯނަށް ހުށަހެޅުމުގެ ފުރުސަތު އެ ޑިޕާޓުމަންޓުން ވަނީ ހުޅުވާލައިފަ އެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ 60 ދަރިވަރަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ ޑިޕާޓުމަންޓުން ވަނީ ހުޅުވާލަފަ އެވެ.
މިހާރު ތައުލީމު ހާސިލު ކޮށްފައިވާ ދަރިވަރެއް ކަމަށް އެ ޑިޕާޓުމަންޓުން ބަލަނީ މި މަހުގެ ކުރިން ކިޔެވުން ފެށިފައިވާ ދަރިވަރުންނަ ށެވެ.
ޑިޕާޓުމަންޓު އޮފް ހަޔާ އެޑިއުކޭޝަނުގެ އިއުލާނުގައި ވަނީ އެޕްލިކޭޝަން ފޯމު ބަލައިގަތުން އޮންނާނީ އަންނަ އޮކުޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 15:00 އަށް ކަމަށެވެ.
ކޮންމެ އެޕްލިކޭޝަން ފޯމަކާއެކު އެ ޑިޕާޓުމެންޓްގެ ކައުންޓަރުން ނަމްބަރު ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. ނަމްބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެހެންކަމުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނަންބަރު ނެގުމަށް އެ ޑިޕާޓުމަންޓުން ވަނީ ދަރިވަރުންގެ ކިބައިން އެދިފަ އެވެ.