ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއި، ސެންޓްރަލް ޕްރޮކިއުމެންޓް އޮފީސް ގާއިމްކޮށް ފިނޭންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ އަށް ބަދަލު ގެނައުމުގެ މައްސަލަ މަޖިލީހަށް ބަލައިގަނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބިދޭސީ މަސައްކަތްތެރިންނަށް ފެންޝަން ދޭން ޖެހޭ ގޮތަށް ހަމަޖައްސަން ޖެހޭ ކަންތައްތައް ގާނޫނުގައި ހިމެނުމަށް، ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހް ބަލައިގަތީ، އެވަގުތު ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި ފިނޭންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ އަށް ބަދަލުގެނައި މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ، އެވަގުތު ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބިދޭސީ މަސައްކަތު މީހުން ގެންނަ، އެޖެންސީތައް ރަޖިސްޓްރީ ކުރެވޭނީ، ދެ ލައްކަ ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓައިގެންކަމަށް، ކަނޑައެޅުމަށް ވަޒީފާ އާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހްގެ ބަހުސު ވަނީ ފައްޓަވައިފަ އެވެ.

އެ އިސްލާހު ހުށަހަޅުއްވަމުން، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، އެފަދަ އިސްލާހެއް ހުށަހަޅަން ޖެހުނީ ބިދޭސީ މަސައްކަތްތެރިންގެ ނިސްބަތް ރާއްޖޭގައި މައްޗަށްގޮސްފައިވާތީ ކަމަށެވެ. އަދި ކޮންޓްރޯލެއްނެތި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވުމާއި، ގިނަ ފަހަރަށް އެފަދަ މީހުންނާ ހަވާލުވާނެ މީހަކުނެތި މަގުމަތިވުމުގެ ސަބަބުން ރާއްޖެ އަށް ލިބިފައިވާ ރީތިނަމާއި ޝަރަފް ގެއްލޭ ފަދަ މަންޒަރު ފެންނަމުންދާތީ، ގާނޫނާ އެއްގޮތަށް ކަންތައްތައްކުރުމުގެ ބާރު އެޖެންސީތަކަށް ދިނުމާއި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުން ވެސް މިއިސްލާހް ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.