ސާބިތު ދަރަނީގެ މައްސަލަތަކާއި ހުކުމް ތަންފީޒު މައްސަލަތަކުގައި ދަޢުވާކުރާ ފަރާތް ހާޒިރުނުވި ކަމުގައި ވިއަސް މައްސަލަތައް ބާތިލް ކުރުމެއް ނެތި ކުރިއަށް ގެންދަން ނިންމައި، ހުކުމް ތަންފީޒު ކުރުމާ ބެހޭ އުސޫލު ސިވިލް ކޯޓުން ފާސްކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްކޮށްފައިވާ އެ އުސޫލުގައި ބުނެފައި ވަނީ އެފަދަ މައްސަލަތައް ހުއްޓުވޭނީ ދައުވާކުރާ މީހާ އޭނާ އަށް ލިބޭ ހައްގުތައް ދޫކޮށްލުމުން ކަމަށެވެ. ނުވަތަ އެހެން ގޮތަކަށް ހުކުމް ތަންފީޒު ކުރަން ދެ ފަރާތުން އެއްބަސްވުމުން ކަމަށެވެ.

ހަމައެއާ އެކު އުސޫލުގައި ބުނެފައި ވަނީ ސާބިތު ދަރަނީގެ މައްސަލަތަކުގައި މަހަކު ވަކި މިންވަރެއް ދައްކަމުން ގޮސްވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން އެމަހަކަށް ޖެހޭވަރު ނުދައްކައިކަން އަރަނިވެރިޔާގެ ފަރާތުން ކޯޓަށް އަންގައިފި ނަމަ އެ ހުކުމެއް ތަންފީޒު ކުރުމަށް ކޯޓުން އިސްވެ ފަށާނެ ކަމަށެވެ.

އުސޫލުގައި ބުނެފައި ވަނީ ހުކުމް ތަންފީޒު ކުރަމުންދާ މައްސަލައެއް ހިނގަން ފެށި ފަހުން އެފަދަ މައްސަލައެއްގައި ހިމެނޭ ދެ ފަރާތުން ކުރެ މީހަކު މަރުވިޔަސް އެ ދެ ފަރާތުގެ ވާރިސުންގެ ފަރާތުން އެ ހުކުމެއް ތަންފީޒުވެއްޖެ ކަމަށް ކޯޓަށް ނާންގާ ނަމަ އެ ހުކުމެއް ކޯޓުން ތަންފީޒު ކުރަންޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

ރުހުނު ހިމެނޭ ދަރަނީގެ މައްސަލަތަކުގައި އެ ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކައިގެން އެ ހުކުމެއް ތަންފީޒު ކުރުމަށް ކޯޓުން އިސްވެ ފަށާނީ ރަހުނުގެ މައްޗަށް އަރަނިވެރިޔާއަށް އޮންނަ ހައްގު "ތަސައްފުރުކުރާނެ" ކުރާނެ ގޮތެއް ކަނޑައެޅުމަށް އަރަނިވެރިޔާގެ ފަރާތުން ހުށަހެޅުމުން ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.