ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި "ހިތާއި ރޫހުން މަސައްކަތް ކޮށްދޭން" މަހާސިންތާގެ ބައިވެރިން މިއަދު އިގުރާރުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށް ގެންދާ މަހާސިންތާގައި 318 ބައިވެރިން ބައިވެރިވެ އެވެ. މި ހުރިހާ މެމްބަރުން މިއަދު ސޮއިކުރި އިގުރާރުގައި މައިގަނޑު ހަތް ކަމެއް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ހޮވައި ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދެމި ތިބޭނެ ކަމަށާއި އެ ކެމްޕޭންގައި އަމަލީކޮށް ހަރަކާތްތެރިވެ އިހުލާސްތެރިކަމާ އެކު އެގޮތުގައި ދެމިތިބޭނެ ކަމަށް އިގުރާރުގައި ބުނެފައިވެ އެވެ. މީގެ އިތުރުން މަހާސިންތާ އިން ލިބުނު މައުލޫމާތުތައް އާންމު ރައްޔިތުންނަށް އަންގައިދީ ބުނެދޭނެ ކަމަށް ވެސް އެ އިގްރާރުގައިވެ އެވެ. ހަމައެއާ އެކު ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް ރަނގަޅު ތަސައްވަރެއް ބިނާކުރުން މަތީ ދެމިތިބުމަށް ވެސް މަހާސިންތާގެ ބައިވެރިން ވަނީ އިގުރާރުވެފަ އެވެ.

ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހުން ބާއްވާ އެ މަހާސިންތާގެ މައިގަނޑު މަގުސަދަކީ ރިޔާސީ އިންތިހާބު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކާމިޔާބުކޮށް ދިނުމަށް، ކެމްޕެއިންގައި ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމެވެ.

ާމަހާސިންތާގައި ޖުމުލަ 12 އަތޮޅަކުން މެމްބަރުން ބައިވެރިވާނެ ކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ބުންޏެވެ. މަހާސިންތާ ބާއްވާނީ ޖުމްލަ ތިން ބުރަކަށް ބަހާލައިގެން ނެވެ. އެގޮތުން މިހާރު ކުރިއަށްދާ މަހާސިންތާގެ ފުރަތަމަ ބުރުގައި ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް، ހިމެނޭ އަތޮޅުތައް ހިމެނޭ ގޮފިތަކުން، ކޮންމެ ގޮތްޕަކުން މެންބަރެއް ވަނީ މަހާސިންތާގައި ބައިވެރިވެފަ އެވެ.