05 Sep 2015, 14:44
މިނިވަން 50 ޗެމްޕިއަންޝިޕްގައި ހަމަނުޖެހުން ހިނގި ގދ. ތިނަދޫ އާއި ހޮޑެއްދޫ ބައްދަލު ކުރި މެޗްގައި 2-1 ތިނަދޫ މޮޅުވެފައިވަނިކޮށް ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އިން ތިނަދޫ އެމެޗުން ބަލިވި ކަމަށް ކަނޑައެޅި މައްސަލަ އިސްތިއުނާފް ކުރުމަށް ތިނަދޫން އެފްއޭއެމްގެ އެޕީލް ކޮމިޓީއަށް މައްސަލަ ހުށަހަޅައިފި އެވެ.
ތިނަދޫ ޓީމްގެ މެނޭޖަރު އާދަމް ޝިޔާޒު ވިދާޅުވީ ތިނަދޫ ޓީމުގެ ޝަކުވާއަކީ ރެފްރީ މެޗު ނިމުނު ކަމަށް ތިން ފަހަރަށް ކަށިގަނޑު ފުމުނުކަމަށާއި މެޗް ނިމުނު ކަމަށް ފުމުމުން ދެން ތިނަދޫ މޮޅުވެފައި ވަނިކޮށް ބަލިވި ކަމަށް ނިންމުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ދެކޭތީ ކަމަށެވެ.
"މެޗް ނިމުނުކަމަށް ރެފްރީ ތިން ފަހަރަށް ކަށިގަނޑު ފުމުނު. އެކަން ގިނަ މީހުންނަށް އެނގޭނެ. ނަމަވެސް ތިނަދޫ ޓީމު މޮލުވެފައި އޮތް މެޗެއް ނިމުނުކަން ރެފްރީ ކަށިގަނޑު ފުމުމަށް ފަހު. ދެން މައްސަލަ ބަލައިގެން ތިނަދޫ ބަލިވި ކަމަކަށް ނިންމުމަކީ އިންސާފު ވެރިކަމަކަށް ނުވާނެ،"
ހަމަނުޖެހުން ހިނގައި ދިޔަ އެމްޗުގައި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ ވަނީ ތިނަދޫ 25 ހާސް ރުފިޔާ އިން ޖޫރިމަނާކުރަން ނިންމާފައިވާ އިރު ހޯޑެއްދޫ ވެސް ހަ ހާސް ރުފިޔާ އިން ޖުރިމަނާކޮށްފަ އެވެ.
އެ މެޗްގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މައްސަލަ ބެލުމަށް ފަހު އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓިއިން ނިންމާފައި ވަނީ 3-0 ން ހޯޑެއްދޫ މެޗުން މޮޅުވި ކަމަށެވެ.
ޝިޔާޒު ވިދާލުވީ މައްސލަ އެޕީލް ކުރުމަށް މިދިޔަ ބްރާސްފަތި ދުވަހު ހުށަހަޅައި މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކާފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޑިސިޕްލިނަރީ ކޮމިޓީ އިން ވަނީ ތިނަދޫ ޓީމްގެ ކޯޗް އިބްރާހިމް ޝާހް ރެފްރީގެ ހުއްދަ ނެތި ދަނޑަށް އަރައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އޭނާ މުޅި މުބާރާތުން ސަސްޕެންޑްކޮށް 15000 ރުފިޔާ އިން ޖުރިމަނާ ކުރުމަށް ނިންމާފަ އެވެ. ހަމަ އެ މެޗްގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކުރިން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ވެސް ކުޅެފައިވާ ހޯޑެއްދޫގެ އާދަމް ލަރީފް (ރޮނާ) ފަސް މެޗަށް ސަންސްޕެންޑްކޮށް 5000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވެސް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ.