05 Sep 2015, 19:34
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ މައިގަނޑު ސަބަބަކީ އެމަނިކުފާނުގެ ދީނީ ސިޔާސަތުތައް ރައްޔިތުންނަށް ކަމު ނުދިއުން ކަމަށް ސަރުކާރު ކޯލިޝަން އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.
އަންނަ ރިޔާސީ އިންތިހާބު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކާމިޔާބުކޮށް ދިނުމަށް، ކެމްޕެއިންގައި ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމުގެ ގޮތުން ބާއްވާ މަހާސިންތާގައި ރައީސް ޔާމީންގެ ދީނީ ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މައުރޫފު ވިދާޅުވީ ރާއްޖެއަށް ޑިމޮކުރަސީ އައުމަށްފަހު އައި ފުރަތަމަ ވެރިކަމުގައި ދީނާ ހިލާފު އެތައް ކަންތައްތަކެއް ކުރަމުން ދިޔަ މަންޒަރު ރައްޔިތުންނަށް ފެނުން ކަމަށެވެ. ހަމައެއާއެކު ރައީސް ޔާމީން ވެރިކަމާ ހަވާލުވިފަހުން އެމަނިކުފާނުގެ ދީނީ ސިޔާސަތުގެ ހަރުދަނާކަން ރައްޔިތުންނަށް ފެނުމުން ދެ ވެރިކަމުގައި ދީނީ ސިޔާސަތުތަކުގައި ހުރި ތަފާތު ރައްޔިތުންނަށް ހާމަވެފައިވާ ކަމަށް މައުރޫފު ވިދާޅުވި އެވެ.
"އެގޮތުން ގާނޫނުލް އުގޫބާތަށް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު. އެއީ ރާއްޖޭގެ ފުންނާބު އުސް އިލްމުވެރިންނާ މަޝްވަރާކޮށް އެބޭފުޅުން [އިލްމުވެރިން] ބޭނުންފުޅުވާ ގޮތަށް އެ އިސްލާހު ގެނެސްފައި އެ އޮތީ. ދެން މަރުގެ ހުކުމް އިއްވުމުގައި ރައީސް ޔާމީން ފަހަކަށް ޖެހިވަޑައެއް ނުގަންނަވާނެ. ހަމައެއާއެކު ރާއްޖޭގެ ތައުލީމީ މަންހަޖުގެ ތެރެއަށް އިސްލާމީ ތައުލީމު އަށަގެންނެވުމަށްޓަކައި ރައީސް ކުރައްވާ މަސައްކަތް. އެގޮތުން ރައީސް ޔާމީންގެ އެދިލެއްވުމުގެ މަތީން އިސްލާމިކް ޔުނިވާސިޓީއެއް މިއަދު އުފެދިގެން ވެސް އެ ދިޔައީ،" މައުރޫފު ވިދާޅުވި އެވެ.
ދުނިޔޭގައި އެންމެ ގަދައަށް ވާހަކަދެކެވޭ އަދި އެންމެން ވެސް އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ފަލަސްތީނުގެ މައްސަލަކަން ފާހަގަ ކުރައްވަމުން މައުރޫފު ވިދާޅުވީ ފަލަސްތީނަށް ލިބެންޖެހޭ ހައްގުތައް ހޯދައި ދިނުމަށް އެންމެ ކުޑަ ގައުމުގެއް ގޮތުގައި އޮވެމެ ހައްގު ބަސް ބުނެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. އަދި ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ރައީސް ޔާމީން ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.
އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު މައުރޫފު ވަނީ ސައުދީ ސަރުކާރާ ރައީސް ޔާމީންގެ ސަރުކާރާ ދެމެދު އޮތް ގާތް ގުޅުމާ ގުޅޭ ގޮތުން މަހާސިންތާގައި ވާހަކަފުޅު ދައްކަވާފަ އެވެ.
"ހާއްސަކޮށް ސައުދީގެ މިހާރުގެ ރަސްގެފާނާ ރައީސް ޔާމީނާ އޮތް ގާތް ގުޅުން. އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ހައްޖަށް ދިއުމަށް ކޯޓާ ލިބިގެން ހިނގައްޖެ. އަނެއް ވާހަކައަކީ ސައުދީ ސަރުކާރުންނާ ސައުދޫ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓު ކުރަން ބޭނުންވާކަން ވެސް ހާމަވެގެން ހިނގައްޖެ. އެކަމުން ވެސް ހާމަ ވެގެން ދަނީ ރައީސް ޔާމީނާ އިސްލާމީ ގައުމުތަކާ އޮތް ގާތް ގުޅުމުގެ ހަރުދަނާކަން،" މައުރޫފު ވިދާޅުވި އެވެ.