05 Sep 2015, 12:07
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ މަހުފޫޒު ސައީދަށް ވަޅިން ހަމަލާދިނުމުން ލިބުނު ޒަޚަމްތަކާ ގުޅިގެން ކޮށްފައިވާ އޮޕަރޭޝަނަށްފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު "ސަން" އަށް ވިދާޅުވީ، މަހުފޫޒަށް ދިން ހަމަލާއާ ގުޅިގެން "ވަރަށް ސީރިއަސް ތިން ގަޑިއިރުގެ އޮޕަރޭޝަނެއް" ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނަށްފަހު މިހާރު މަހުފޫޒުގެ ހާލު ރަނގަޅުކަމަށް ޒީނަތު ވިދާޅުވި އެވެ.
"މިހާރު ސާޖަރީއަށްފަހު ހާލު ރަނގަޅު. އެޑްމިޓްކޮށްފައި އޮތީ. ޑޮކްޓަރުން ބުނަނީ އޮޕަރޭޝަން ވެސް ކާމިޔާބު ކަމަށް،" ޒީނަތު ވިދާޅުވި އެވެ.
ވަޅިން ހަމަލާދީފައި ވަނީ މަހުފޫޒުގެ މޫނުން ލޮލާ ދިމާލުން އަރިމަތީގައި ހުންނަ ހިނދިވަޅު ނުވަތަ އައިސޮކެޓްއާ ދިމާވާގޮތަށެވެ. ޒީނަތު ވިދާޅުވީ އޮޕަރޭޝަނަށްފަހު އެންމެ ފަހުން ހެދި ޓެސްޓުތައް ދައްކާގޮތުން ވެސް މަހުފޫޒުގެ ފެނުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
މަހުފޫޒަށް ވަޅިން ހަމަލާދިނުމާ ގުޅިގެން ރައީސް ނަޝީދުގެ އޮފީހުން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެނޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.