16 Mar 2011, 16:03
ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެން ނޫނީ ދައުލަތަށް ރައްދުވާ މައްސަލަތައް ސިވިލް ކޯޓުން ނުބެލުމަށް ގާޒީ މުހައްމަދު ނައީމް ނިންމައިފި އެވެ.
މާލެ އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް ޖީއެމްއާރާ ހަވާލު ކުރުމަށް ފައިނޭސް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނު އަސާސީއާ ހިލާފަށް ވެފައިވާ އެއްބަސްވުމެއް ކަމަށް ބުނެ ދައުލަތުގެ މައްޗަށް ގައުމީ ޕާޓީން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގައި ގާޒީ ނައީމް މިއަދު ވިދާޅުވީ ގައުމީ ޕާޓީން ހުށަހަޅާފައިވާ އެ މައްސަލައަކީ ނޮވެންބަރު،29 2010 ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލާގެ ޝަރީއަތްތަށް ނުފެށި ދިގު މުއްދަތަކަށް ދިގުލައިގެން ދިއުމަށް ފަހު ސިވިލް ކޯޓްގެ އިސްގާޒީ އެ މައްސަލަ ބެލުމަށް އޭނާއާ ހަވާލުކޮށްފައި ވަނި ވަރަށް ފަހުން ކަމަށް ގާޒީ ނައީމް ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ އެ މައްސަލައަކީ ދައުލަތަށް ރައްދުވާ މައްސަލައަކަށް ވުމާ އެކު ބަންޑާރަ ނައިބު ޑރ. ސަވާދަށް މަޖިލީހުން ރުހުން ލިބުމުން ނޫނީ ދައުލަތަށް ރައްދުވާ އެއްވެސް މައްސަލައެއް ނުބަލާނެ ކަމަށެވެ.
"އަޅުގަނޑު ހަވާލުވެ ހުރި ސެކްޝަނުން ދައުލަތަށް ރައްދުވާ އެއްވެސް މައްސަލައެއް ނުބަލަން ނިންމާފައި ވަނީ،"
ވަޒީރުނަށް ރުހުން ނުދިން މައްސަލާގައި ސްޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ދައުލަތަށް ރައްދުވާ އަދި ޖަބާވުދާރީވާ މައްސަލަތައް ނުބަލަން ނިންމާފައި ވަނިކޮށް، ބަންޑާރަ ނައިބުގެ މަގާމަށް އަނެއްކާ ވެސް ޑރ. ސަވާދު ހަމަޖެއްސުމާ އެކު ކޯޓްގެ ގާޒީންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދުނު ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި ސިވިލް ކޯޓްގެ ހަތް ގާޒީންގެ ތެރެއިން ހަތަރު ގާޒީންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ދައުލަތަށް ރައްދުވާ މައްސަލަތައް ކޯޓްގައި ކުރިއަށް ގެންދިއުމަށް ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް އެ ނިންމުމަށް ތަބާނުވާނެ ކަމަށް ގާޒީ ނައީމް ޝަރީއަތުގައި ވިދާޅުވި އެވެ.
ދައުލަތާ ގުޅުން ހުރި މައްސަލަތައް ކުރިއަށް ގެންދާނީ މަތީ މަރުކަލާގެ ކޯޓަކުން އެކަމާ މެދު ގޮތެއް ނިންމުނުން ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ހައި ކޯޓުން ސިވިލް ކޯޓަށް އަންގާފައި ވަނީ ސިވިލް ކޯޓްގެ ގާޒީންގެ މެޖޯރިޓީން ނިންމާފައިވާ ނިންމުމަށް ތަބާވެ، ދައުލަތާ ގުޅުން ހުރި މައްސަލަތައް ކޯޓްގައި ކުރިއަށް ގެންދިއުމަށެވެ.
ދައުލަތަށް ރައްދުވާ މައްސަލަތައް ނުބެލުމަށް ގާޒީ ނައީމް ނިންމާފައިވާ އިރު މިހާރު ވެސް ސިވިލް ކޯޓްގެ ހަތަރު ސެކްޝަނަކުން ދައުލަތުގެ މައްސަލަތައް ބަލާގަނެ ކުރިއަށް ގެންދެ އެވެ. ނަމަވެސް ގާޒީ ނައީމް ހަވާލުވެ ހުރި ސެކްޝަނުން އެ މައްސަލަތައް ބެލުން ވަނީ ހުއްޓާލާފަ އެވެ.