05 Sep 2015, 12:41
ޔޫރޯ 2016 ގެ ކޮލިފައިންގެ ގުރޫޕް ޑީގައި ޕޮލެންޑްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކަމިޔާބު ހޯދައި ޕޮލެންޑް ފަހަތައް ޖައްސާލުމަށް ފަހު ޖަރުމަން ތާވަލްގެ އެއް ވަނަ އަށް ޖެހިލއަިފި އެވެ.
ރޭގެ މެޗަށް ނިކުތް އިރު އެއް ޕޮއޮއިންޓްގެ ލީޑަކާއެކު ޕޮލެންޑް ތާވަލްގެ އެއް ވަނައިގައި އޮތް ނަމަވެސް ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު ޖަރުމަނަށް އެއް ވަނަ ލިބެނީ ދެ ޕޮއިންޓްގެ ފަރަގަކާއެކު އެވެ.
މިހާރު ޖަރުމަނަށް 16 ޕޮއިންޓް ލިބިފައިވާއިރު ޕޮލެންޑަށް ލިބިފައި ވަނީ 14 ޕޮއިންޓެވެ.
މެޗްގައި ޖަރުމަނުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔަބު މާރިއޯ ގޮޓޭޒް އެވެ.
ޖަރުމަންގެ ފްރޭންކްފާޓްގެ ފްރެންކްފާޓް ވޮލްކްސްބޭންކް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ޖަރުމަނުންވަނީ މެޗްގެ ކުރީ ކޮޅުގައި ލީޑް ނަގާފަ އެވެ. އެގޮތުން އެޓީމްގެ ފުރަތަމަ ލަނޑު ތޯމަސް މުލާ ކާމިޔާބު ކުރީ މެޗްގެ 12 ވަނަ މިނެޓްގައި ޖޯނަސް ހެކްޓޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
އޭގެ ހަ މިނެޓް ފަހުން މެޗްގެ 19 ވަނަ މިނެޓްގައި ގޮޓޭޒް ވަނީ ޖަރުމަނަށް ނަތީޖާ ފުޅާ ކޮށްދީފަ އެވެ. އެ ލަނޑު ޖެހުމުގައި ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ފުރަތަމަ ލަނޑު ޖެހުމަށް ވެސް އެހީތެރިވެދިން ހެކްޓޯ އެވެ.
މެޗްގެ 36 ވަނަ މިނެޓްގައި ރޮބަޓް ލެވޮންޑޮސްކީ ވަނީ ކާމިލް ގްރޯސްސިކީ ތަނަވަސްކޮށްދިން ފުރުސަތަކުން ޕޮލެންޑަށް އުންމީދު އާކޮށްދީފަ އެވެ.
ނަމަވެސް މެޗްގެ 82 ވަނަ މިނެޓްގައި ގޮޓޭޒް ވަނީ ޖަރުމަނަށް އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ފުޅާކޮށްފަ އެވެ.
މިގުރޫޕްގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު ކުރިން ތާވަލްގެ ތިން ވަނައިގައި އޮތް ސްކޮޓްލެންޑް ޖޯޖިއާ އަތުން 1-0ގެ ނަތީޖައަކުން ބަލިވިއިރު ރިޕަބްލިކް އޮފް އަޔަލެންޑްގެ ޖިލްބްރޯޓާ އަތުން މޮޅުވުމުން އަޔަލެންޑް ވަނީ އެއް ޕޮއިންޓްގެ ފަރަގާ އެކު ތާވަލްގެ ތިނަ ވަނައަށް ޖެހިލަފަ އެވެ.
ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ނިސްބަތުން ފަސޭހަ ގުރޫޕެއް ކަމުގައިވާ ގުރޫޕް އެފް ގައި ފެރޯއޯ އައިލެންޑްސްގެ މައްޗަށް އުތުރު އައިލެންޑް ކާމިޔަބު ހޯދިއިރު ކުރިން އެއް ވަނއަިގައި އޮތް ރޮމޭނިއާ ރޭ ހަންގޭރީއާ އެއް ވަރުވުމުން އެއް ޕޮއިންޓްގެ ކުރިއެރުމަކާ އެކު އުތުރު އައިލެންޑަށް ވަނީތާވަލްގެ އެއް ވަނަ ލިބިފަ އެވެ.
ކޮލިފައިންގައި މިރޭވެސް ފޯރިގަދަ މެޗްތަކެއް ކުޅެވޭނެ އެވެ. އެގޮތުން ރާއްޖޭ ގަޑިން މިރޭ 11:45ގައި ގުރޫޕް ސީ ގައި ސޮލަވާކިއާއި އެންމެ ފަހުގެ ދެ ޗެމްޕިއަން ސްޕެއިން ބައްދަލު ކުރާ މެޗް ފާހަގަކޮށްލެވެ އެވެ.
އަމިއްލަ ގައުމުގައި މިރޭ ކުޅޭ މެޗުން ސްޕެއިން މޮޅުވެއްޖެނަމަ ޕޮއިންޓގެ ގޮތުން ސޮލަވާކިއާ އާ އެއް ވަރު ކުރެވޭނެ އެވެ. މިގޫރޫޕްގައި ސޮލަވާކިއާ އެއް ވަނައިގައި އޮތީ 18 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި ސްޕެއިން އޮތީ 15 ޕޮއިންޓާއެކު އެވެ.
މީގެ އިތުރުން ގުރޫޕް ޖީގައި ރާއްޖޭގަޑިން މިރޭ ނުވައެއް ޖަހާއިރު ރަޝިއާއީ ސްވިޑެން ބައްދަލު ކުރާ މެޗާއި ގުރޫޕް އީގައި ސްވިޒަލޭންޑާ ސޮލެވޭނިއާ ބައްދަލު ކުރާ މެޗް ފާހގަކޮށްލެވެ އެވެ. އެމެޗް ފެށޭނި ރާއްޖޭ ގަޑިން މިރޭ 11:45 ގަ އެވެ.