މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ދާދިފަހުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުޅުވި "ޒުވާނުންގެ އުންމީދު" ޖަގަހައަށް ބަޔަކު ގެއްލުން ދީފި އެވެ.

ރޭގެ ވަގުތެއްގައި ބަޔަކު މީހުން ވަނީ އެ ޖަގަހައިގެ ދޮރާށި ވައްޓާލާފަ އެވެ.

އެމްޑީއޭ ޔޫތު ލީގުގެ ލީޑަރު އަހުމަދު ރީހާން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ރޭގެ ވަގުތެއްގައި ބަޔަކު މީހުން އެމްޑީއޭގެ ޒުވާނުންގެ އުންމީދު ޖަގަހައަށް ގެއްލުންދީފައިވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

އެމްޑީއޭ އަށް މެމްބަރުން އިތުރު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ހުޅުވޭ އެ ޖަގަހައަކީ ޒުވާނުންނަށް އެކި ގޮތް ގޮތުން އެހީތެރިވެދޭ ޖަގަހަ އެކެވެ.

"ތަފާތު ކޮންސެޕްޓެއް"ގެ ގޮތުގައި ހުޅުވާފައިވާ އެ ޖަގަހައިން ޒުވާނުންނަށް އެކި ގޮތް ގޮތުން އެހީތެރި ވެދޭ ހިދުމަތްތައް ލިބެން ހުރެއެވެ.

އެގޮތުން ޑްރަގްސް ފަދަ ވަބާތަކުން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމާއި އެކި ކަންތަކުގައި އެހީތެރިވެ މުޖުތަމައަށް ނުކުތުމަށް އެ ޖަގަހައިގެ ތެރޭގައި މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން ހާއްސަ ލައިބްރަރީއަކާއި ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސާފައި ހުރެއެވެ.