ޖުމްހޫރީ ބިނާ މާލޭގެ އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން މުއި ވެޔޮދޮށު މައިޒާނުގައި [ބިސް ބުރުގައި] އެ ބިނާ ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސުޓެލްކޯ) އިން އިއުލާނު ކޮށްފި އެވެ.

ސްޓެލްކޯއިން ބިނާ ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފައިވާ އިރު މުއިވެޔޮދޮށު ނުވަތަ ބިސްބުރު ހުރި ތަނަށް ޖުމްހޫރީ ބިނާ ބަދަލުކޮށް، އެތަން ޕާކެއްގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ހައުސިން މިނިސްޓުރީން ވަނީ ސްޓެލްކޯއާ ހަވާލުކޮށްފަ އެވެ.

ސްޓެލްކޯއިން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ 11:00 އަށް ހާޒިރުވެ މައުލޫމާތު އޮޅުންފިލުއްވުން އެދޭ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ އެ ޕުރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ޓެކްނިކަލް ގޮތުން އެޕްރޫވްކުރެވޭ ބިޑްތައް އިވެލުއޭޓް ކުރެވޭނެ ކަމަށާއި އެގޮތުން އެ މަސައްކަތް ކުރުމަށް ހުށަހަޅާ އަގަށް 30 ޕޮއިންޓު ދޭނެ ކަމަށެވެ. އަދި މަސައްކަތް ނިންމާނެ ތާރީހަށް ބެލުމަށް ފަހު 40 ޕޮއިންޓު ދޭނެ ކަމަށާއި އެ ފަދަ މަސައްކަތެއް ކޮށްފައިވާ ނަމަ އެ މަސައްކަތެއް ކުރިކަމުގެ ލިޔުންތަކަށް ބެލުމަށް ފަހު މަސައްކަތުގެ ތަޖުރިބާއަށް 30 ޕޮއިންޓު ދޭނެ ކަމަށް ވެސް ސްޓެލްކޯއިން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

ބިޑު ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 13:00ގަ އެވެ.