ވޮޝިންޓަން (ސެޕްޓެމްބަރު 5) : ސައޫދީރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ބައްދަލުކުރެއްވުން ކާމިޔާބުކަމަށް ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވިދާޅުވެއްޖެ އެވެ.

އޮބާމާއާއި ސަލްމާންގެ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޖުބައިރު ވިދާޅުވީ އެދެ ލީޑަރުންގެ މަޝްވަރާތަކުގައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާއި ސޫރިޔާގެ ދާޚިލީ ހަނގުރާމައާއި ޔަމަންގެ ހަނގުރާމައިގެ މައްސަަލަ ހިމެނޭކަމުގަ އެވެ. ސަލްމާން ރަސްގެފާނު މިދަތުރުފުޅަކީ ސައޫދީ ރަސްކަމާ އޭނާ ހަވާލުވެވަޑައިގަތުމަށް ފަހު އެމެރިކާ އަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ދައުވަތަކަށް ސަލްމާން ރަސްގެފާނު މިދަތުރުފުޅުގެ ކުރައްވަމުން މިގެންދަވަނީ އީރާނާ ގާތްވުމުގެ ސިޔާސަތެއް އޮބާމާގެ ސަރުކާރުން ގެންގުޅެފައި އީރާނުގެ ނިއުކްލިޔާ މައްސަލަ ސުލްޙަވެރިކަމާ އެކު ހައްލުކުރުމުގެ އެއްބަސްވުމެއްގައި އެމެރިކާ ސޮއިކުރުމުން ސައޫދީ އާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮތް ޚާއްސަ ގުޅުންތަކަށް ބުރޫއަރައި އެމެރިކާގެ ސިޔާސަތުތަކާ މެދު ސައޫދީ މަސްއޫލުވެރިން ހިތްހަމަނުޖެހުންތައް ފާޅުކުރައްވަމުން ގެންދަވާ ދުވަސްވަރެއްގަ އެވެ.

އީރާނުގެ ނިއުކްލިޔަރ އެއްބަސްވުުމުގެ ސަބަބުން އީރާނުގެ ބާރާއި ނުފޫޒު މެދުއިރުމަތީގައި އިތުރަށް ގަދަވެގެންދާނެކަމަށް ސައޫދީ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ. ސައޫދީންނާއި އީރާނާދެމެދުގައިވާ މައިގަނޑު މައްސަލައަކީ ސުންނީ ޝިޔަޢީ މައްސަލައެއްނޫނެވެ. މެދުއިރުމަތީގެ އަރަބި އަދި އިސްލާމީ ގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވުމުގައި ދެގައުމު ވާދަކުރަމުން ގެންދާ މައްސަލައެވެ.

ސައޫދީ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ މައްސަލަ ހައްލުކުރަންޖެހޭނީ ރައީސް ބައްޝާރުލްއަސަދު މަގާމުން ދުރުވެވަޑައިގަންނަވަންޖެހޭ ގޮތަކަށްކަމަށް ސައޫދީ ރަސްގެފާނު އެމެރިކާގެ ރައީސަށް ދެންނެވިކަމަށް ޖުބައިރު ވިދާޅުވިއެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ސިޔާސީ ހައްލެއްް ނައިސް ދިގުލައިގެން ދާ މައިގަނޑު ސަބަބަކީވެސް ބައްޝާރު މަގާމުން ދުރުކުރުން ނޫންގޮތަކަށް އެގައުމުގެ މައްސަލަ ހައްލުކުރުމަށް އެމެރިކާއާއި ސައޫދީ އަރަބިޔާފަދަ ޔަމަންގެ ދާޚިލީ ހަނގުރާމައިގާ ނުސީދާކޮށް ޝާމިލްވާ ގައުމުތައް ދެކޮޅުހަދަމުން ގެންދާތީ އެވެ. ބައްޝާރު މަގާމުން ދުރުކުރުން ސައޫދީން ޝަރުތުކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށްވަނީ ބެލެވިފަ އެވެ.

ބައްޝާރުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ އީރާނާއި ރަޝިޔާއިން ބުނަނީ ބައްޝާރު ވެރިކަމުގައި ބެހެއްޓުމާއި ނުބެހެއްޓުމަކީ ސޫރިޔާގެ ރައްޔިތުންގެ ނިންމުމެއްކަމަށާ ސައޫދީ އަރަބިޔާއަށް މިގޮތަށް ނިންމުމުގެ ހައްގު ނޯންޏާނެ ކަމުގައެވެ. (މައުލޫމާތު : ނޫސްއެޖެންސީތައް)