އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެއުސޫލެއްކުރިމިނަލް ކޯޓުން ފާސްކޮށްފި އެވެ.

ކުރިމިނަލް ކޯޓުން ބުނީ އެ އުސޫލު ފާސްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވިއެ ކޯޓުގެ ގާޒީންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ.

އެ އުސޫލުގެ މަގުސަދަކީ އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމާއި ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ހަރުދަނާ މިންގަނޑުތަކެއް އެކަށައެޅުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ހިންގޭނީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރަން ޖެހޭ މީހާ ހުރި ރަށްނޫން އެހެން ރަށެއްގައި ޝަރީއަތް ހިންގުމަށާއި ކާކުކަން ނޭނގޭ ގޮތަށް ހެކިބަސްނެގުމަށާއި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ހެކިބަސް ނެގުމުގެ އިތުރުން ދައުވާލިބޭ ފަރާތުގެ ހާޒިރުގައި ހެކިބަސްދިނުމަށް އުޒުރުވެރިވާ ފަދަ ސަބަބެއް އޮތްފަރާތްތަކަށް އެކަނި ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.

އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް ކޮށްގެން ޝަރީއަތް ބޭއްވި ކަމުގައި ވިޔަސް ކޮންމެ ރައްޔިތަކަށް ވެސް ޝަރީއަތް އަޑުއަހަން ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުން ބުނީ ދައުލަތުން ހުށަހަޅާ ސިއްރު ހެކީންގެ ހެކިބަސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނެގިކަމުގައި ވިޔަސް އެފަދަ ޝަރީއަތްތައް ވެސް އަޑުއެހުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާ ކަމަށެވެ.

"މިސާލަކަށް މާފުށީ ޖަލުގައި ހުންނަ މީހަކު ކްރިމިނަލް ކޯޓަށް ހާޒިރު ނުކޮށް، މާފުށީގައި ބަހައްޓައިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމޭނެ ނުވަތަ ޝަރީއަތް ހިންގޭނެ. އަދި އަތޮޅުތެރޭގެ ރަށެއްގައި ހުރި މީހަކު ކްރިމިނަލް ކޯޓަށް ހާޒިރުނުކޮށް، ކޯޓުން ކަނޑައަޅާ ތަނަކަށް އެމީހަކު ގެންގޮސްގެން ޝަރީއަތް ކުރިއަށް ގެންދެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެގޮތަށް އަމަލުކުރުމުގެ ސަބަބުން ޝަރީއަތްތައް ހިންގުމުގައި ނުވަތަ ބަންދާމެދު ގޮތެއް ނިންމުމުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.