05 Sep 2015, 11:27
އަންހެނުން ބާރުވެރިކޮށް އެކިކަންކަމުގައި އަންހެނުންނަށް އެހީތެރިވުމަށްޓަކައި ވުމެން އޮން ބޯޑްސް މޯލްޑިވްސް (ޑަބްލިއުއޯބީ) ގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އެހީތެރިވުމަށް ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ މެކުއާޔާ ރެންސް އެންޑް ޖޯންސް އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސިޓީ ގާޑެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއޯބީ ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެ އޯގަނައިޒޭޝަންގެ ރައީސާ އަދި ފައުންޑަރ ފާތިމަތު ޝަފީގާއެވެ. އަދި މެކުއާޔާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ނަރެންދު ޖޭސުރިޖާ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑަބްލިއުއޯބީގެ ޑިރެކްޓަރު އައިޝަތު ރަފިއްޔާ ވިދާޅުވީ އެ އެއްބަސްވުމާއެކު ދެ ގޯގަނައިޒޭޝަންގެ މެދުގައި ދިގުމުއްދަތެއްގެ ގުޅުމެއް އޮންނާނެ ކަމަށެވެ.
އެގޮތުން ޑަބްލިއުއޯބީގެ މައިގަނޑު މަސައްކަތްތައް ކަމަށްވާ އަންހެނުން ބާރުވެރިކުރުވައި ގިނަ އަންހެނުން ސިޔާސީ މައިދާނަށް ނެރުމަށް ކުރާ މަސައްކަތްތުގައި މެކުއާޔާ އިން އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އަންހެނުންނަށް ޚާއްސަކޮށްގެން މިއަދު ބަނޑޮހުގައި ބާއްވާ ވިމެންސް ކޮންފަރެންސް ކުރިއަށް ގެންދިޔުމުގައިވެސް މެކުވާޔާއިން އެހީތެރިވާނެ ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.
މިއަދު ފަށާ އަންހެނުންގެ ކޮންފަރެންސްގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން އެކި ފަރާތްތަކުން ބައިވެރި ވާނެއެވެ.
މެކުއާޔާ އަކީ ސްރީލަންކާގައި ކޯޕަރޭޓް ޓްރެއިނިން ފޯރުކޮށްދޭ ކުންފުންޏެކެވެ.