ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް ވަޅިން ހަމަލާދިން މައްސަލަ ކުރީގެ ރައީސް މުހައްމަސު ނަޝީދުގެ އޮފީހުން ކުށްވެރިކޮށްފިއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ވެސް ހިމެނިވަޑައިގަންނަވާ މަހުފޫޒަށް އިއްޔެ ވަޅިން ދިން ހަމަލާއާ ގުޅިގެން އެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ރައީސް ނަޝީދުގެ އޮފީހުން ބުނީ މަހުފޫޒަށް ވަޅިން ހަމަލާދީފައި ވަނީ އޭނާ ސައިކަލެއްގެ ފަހަތު ސީޓުގައި އިންންނަވަނިކޮށް ކަމަށެވެ. އަދި އެއަމަލު ހިންގާފައި ވަނީ މޫނު ނިވާނޮކޮށް ތިބި ދެ މީހުން ކަމަށް ވެސް ރައީސް ނަޝީދުގެ އޮފީހުގެ ބަޔާނުގައި ވެއެވެ.

މަހުފޫޒަށް ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު އިއްޔެ ވިދާޅުވީ މަހުފޫޒު ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭ ހުރި ކަމަށާއި އޭނާ މެޑިކަލީ ސްޓޭބަލް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.