ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ފައިސާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރުގެ މައްޗަށް ކުރައްވާ ދައުވާގެ ޝަރީއަތަށް ތަސްމީންގެ ފަރާތުން ހާޒިރުވުމަށް ދެ ފަހަރަށް ޗިޓު ނެރެ، އެންމެ ފަހުން ރަތް ޗިޓު ނެރުމުން ތަސްމީންގެ ފަރާތުން ކޯޓަށް ހާޒިރުވެއްޖެ އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސިވިލް ކޯޓުން ވަނީ ތަސްމީނަށް ޗިޓު ރައްދުކޮށްފަ އެވެ. ނަމަވެސް އެ ދެ ފަހަރު ވެސް ތަސްމީން ކޯޓަށް ވަޑައިނުގަތުމުން ތިން ވަނަ ފަހަރަށް ސިވިލް ކޯޓުން ނެރެފައި ވަނީ ރަތް ޗިޓެކެވެ. މިބާވަތުގެ ޗިޓަކީ ރައްދު ކުރާ އެއްޗެއް ނޫނެވެ. އެ ބާވަތުގެ ޗިޓު އެމީހަކު އުޅޭ ގެއެއްގައި ކޯޓުން ހިއްޕާނީ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ގާނޫނީ ވަކީލު މުހައްމަދު ސަލީމް [ރޭނިސް ސަލީމް] ދައުވާ ހުށަހަޅުއްވަމުން ވިދާޅުވީ ތަސްމީނު ނަންގަވާފައިވާ ލޯނެއް ދެއްކެވުމަށް ނާޒިމްގެ ފަރާތުން 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފަހުން ދައްކާ ގޮތަށް ފައިސާ ނަންގަވާފައިވާ ކަމަށެވެ. އެކަމަކު އެތައް ފަހަރެއްގެ މަތިން ފައިސާ އަނބުރާ ދެއްކުމަށް ނާޒިމް އެދިވަޑައިގަތުމުން ވެސް ތަސްމީން އެ ފައިސާ އެއްކޮށް ނުދައްކާ ކަމަށް ވަކީލު ވިދާޅުވި އެވެ.

ވަކީލު އެދިވަޑައިގަތީ ތަސްމީން މިހާތަނަށް ނުދައްކަވައި އޮތް 1،920،000ރ. ވަގުތުން ދެއްކެވުމަށް އެންގެވުމަށެވެ. އަދި މި މައްސަލައިގައި ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް ހަރަދު ކުރައްވާފައިވާ 100،000ރ. ވެސް ތަސްމީންގެ ފަރާތުން ހޯއްދެވުމަށް ވަކީލު އެދިވަޑައިގަތެވެ.

ނާޒިމްގެ ފަރާތުން ވަކީލު ވިދާޅުވީ ތަސްމީން އަނބުރާ ފައިސާ ދައްކާފައިނުވާތި ނާޒިމް އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ދަތިވެ ބޮޑެތި އިންޓްރެސްޓްތަކެއް ދައްކަންޖެހިފައިވާ ކަމަށެވެ. އަދި ގާނޫނީ ވަކީލަށް 100000ރ. ދައްކަން ޖެހުމުން މާލީ ގޮތުން ނާޒިމަށް ދަތިވެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ތަސްމީންގެ ގާނޫނީ ވަކީލު ޝަހީމް އަހުމަދު ވިދާޅުވީ މި މައްސަލައިގައި ޖަވާބުދާރީވުމަށް ފުރުސަތެއް ބޭނުންވާ ކަމަށެވެ. އެ މައްސަލަ ބައްލަވާ ގާޒީ ހާތިފް ހިލްމީ ވަނީ ވަކީލަށް ހަތް ދުވަހުގެ ފުރުސަތެއް އަރުވާފަ އެވެ.