04 Sep 2015, 22:23
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 26 ޒުވާނަކަށް ފުރުސަތު ދީފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިޔާތެއްގައި އަލަށް ހޮވުނު ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރެވެ.
ދިރާގުން ބުނީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 26 ޒުވާނަކަށް ފުރުސަތު ދިނީ 600 އަށް ވުރެ ގިނަ ކުދިންގެ ތެރެއިން ކަމަށެވެ.
ދިރާގުން ބުނީ އެއް އަހަރު ދުވަހުގެ އެޕެރެންޓިސްޝިޕް ކޮންޓްރެކްޓެއްގެ ދަށުން ދިރާގުގެ ތަޖުރިބާކާރު މެނޭޖަރުންނާއި ސުޕަވައިޒަރުންނާ އެކު ދިރާގުގެ އެކިއެކި ތަފާތު ދާއިރާތަކުގައި މަސައްކަތުގެ ތަޖުރިބާއާއި ތަމްރީން ހޯދުމުގެ ފުރުސަތު ދިރާގު އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ލިބިގެންދާނެ ކަމަށެވެ.
ފުރަތަމަ އަހަރު ފުރިހަމަ ކުރުމުގައި ބައިވެރިން ހާސިލް ކުރާ ނަތީޖާއަށް ބެލުމަށް ފަހު ފަހު ދެވަނަ އަހަރަކަށް ކުރިމަތި ލުމުގެ ފުރުޞަތު ވެސް ލިބިގެންދާ އެ ޕްރޮގްރާމްގައި ރަސްމީކޮށް ހިންގޭ ޓްރެއިންނިންގް ޕްރޮގްރާމްތަކާއި ތަފާތު މަސައްކަތު ބައްދަލުވުންތަކާއި ކޯސްތައް، އަދި ސޮފްޓް ސްކިލްސް ޓްރެއިނިންގް ޕްރޮގްރާމްތައް ހިމެނޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު ކުއްޖަކަށް ޔޫތު މިނިސްޓަރު ޒުހޫރު ސެޓްފިކެޓް އިއްޔެ ހަވާލުކޮށް ދެއްވަނީ. ފޮޓޯ: ދިރާގު
އޭގެ ތެރޭގައި އެޑްމިނިސްޓްރޭޝަން ސްކިލްސް އާއި ކޮމިއުނިކޭޝަން ސްކިލްސްއާއި ރައިޓިންގް އެންޑް ޕްރެޒެންޓޭޝަން ސްކިލްސްގެ އިތުރުން މައިކްރޯސޮފްޓް އޮފީސް ސޮފްޓްވެއާ ޔުޓިލައިޒޭޝަން ހިމެނެ އެވެ.
ދިރާގު އެޕެރެންޓިސް ޕްރޮގްރާމްގައި ބައިވެރިން މަސައްކަތުގެ މާހައުލުގައި ތަޖުރިބާ އާއި ތަމްރީނު ހޯދަމުންދާއިރު އެ މުއްދަތުގެ ތެރޭގައި އާމްދަނީ ލިބޭ ގޮތަށް ދިރާގުން ވަނީ ހަމަޖައްސައިފަ އެވެ.
ދިރާގުން ބުނީ ހާއްސަ އެޕެރެންޓިސް ޕެކޭޖެއްގެ ދަށުން ބައިވެރިންނަށް މުސާރަ އާއި އެލަވަންސްގެ މުވައްޒަފުންނަށް ހާއްސަ މޯބައިލް ފޯން ޕެކޭޖެއް ދިރާގު އެޕެރެންޓިސް ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.
ދިރާގު އެޕެރެންޓިސް ޕްރޮގްރާމް އަމަލީ ގޮތުން ފަށާފައި ވަނީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް 124 ކުދިން އެ ޕުރޮގުރާމު ވަނީ ފުރިހަމަކޮށްފަ އެވެ.
ދިރާގުން ކުރިއަށް ގެންދާ މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުންގެ ތެރެއިން 13 ދަރިވަރަކު މިހާރު ދިރާގުގައި ވަޒީފާ އަދާ ކުރަމުންދާ އިރު ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކާއި މުއައްސަސާތަކުގެ މަތީ މަގާމުތަކުގައި ވެސް މި ޕްރޮގްރާމްގައި ބައިވެރިވި ގިނަ ދަރިވަރުން ދަނީ ވަޒީފާ އަދާ ކުރަމުން ނެވެ.