މަރުގެ އިންޒާރުގެ މެސެޖުތަކެއް ބައެއް ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް އަނެއްކާ ވެސް ފޮނުވަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފޮނުވަމުންދާ މެސެޖުތަކުގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ބިލާ ދެކޮޅަށް ވޯޓު ިދީފި ނަމަ މިއަދު ވަޅިން ހަމަލާދީފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މަހުފޫޒު ސައީދު ފަދައިން "ދުއްވާލާނެ" ކަމަށް

ނޫސްވެރިންނަށް ފޮނުވަމުންދާ އިންޒާރުގެ މެސެޖުގައި ބުނެފައި ވަނީ ހުރިހާ ނޫސްވެރިން މަރާލާނެ ކަމަށެވެ. އަދި އެއީ ނޫސްވެރިންނަށްދޭ އިންޒާރެއް ކަމަށް ވެސް އެ މެސެޖުތަކުގައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އިންޒާރުގެ މެސެޖެއް ފޮނުވާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މެމްބަރެއް ކަމެއް އޮފިޝަލު ވިދާޅެއްނުވެ އެވެ.

މި މެސެޖުތައް ފޮނުވާ ފަރާތެއްގެ ނަމެއް ކަމަށް އިންނަނީ "ވޯނިން" އެވެ. މީގެކުރިން ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ބައެއް ނޫސްވެރިންނަށް އިންޒާރުގެ މެސެޖުތަކެއް ފޮނުވާފަ އެވެ. އަދި އޭގެތެރެއިން ބައެއް މައްސަލަތައް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.

ނޫސްވެރިންނަށް މީގެކުރިން ފޮނުވަމުން ދިޔަ އިންޒާރުގެ މެސެޖުތަކާ ގުޅިގެން ނޫސްވެރިން ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާ ވެސް ބައްދަލުކޮށްފަ އެވެ.