އަށާރަ އަހަރު ދުވަހުގެ ތެރޭގައި ދުނިޔެއާ އެންމެ ކައިރިން ހަނދު ބުރު ޖަހާ ރޭ، "ސުޕަމޫން" ހަނދު ބެލުމުގެ ހާއްސަ އިންތިޒާމްތަކެއް މޯލްޑިވިއަން އެސޯސިއޭޝަން ފޯ ދަ އެޑްވާސްމެންޓް އޮފް ސައިންސްގެ ފަރާތުން ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ އެސޯސިއޭޝަންގެ އެއް ފައުންޑާ މެންބަރު ޖާވިސް ހަމީދު (ޖާ) މިއަދު ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހަނދު ބެލުމުގެ ހާއްސަ ހަރަކާތެއް ރާވައި ހިންގާނީ ހުޅުމާލޭ ސްޓޭޖް ސަރަހައްދުގައި ކަމަށެވެ.

ޖާ ވިދާޅުވީ އެރޭ 8:30 ން 11:30 ދެމެދު އެ ސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޓެލެސްކޯޕްގެ އެހީގައި ކައިރިން ހަނދު ބެލުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށާއި ހަނދު ދުނިޔެއާ ކައިރިއަށް އަންނަންޖެހޭ ސަބަބުތަކާ ގުޅޭ އިލްމީ މައުލޫމާތު ވެސް އެ ސަރަހައްދުން ދޭނެ ކަމަށެވެ.
"އެތަނަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ވަރަށް ކައިރިން ހަނދު ބަލައިލެވޭނެ. އަދި އެކަމާ ގުޅޭ ސައިންޓިފިކް މައުލޫމާތުތައް ވެސް ދޭނެ. އަމިއްލަ ޓެލެސްކޯޕް ގެންގުޅުއްވާ ބޭފުޅުންނަށް ވެސް ހިފައިގެން އެރޭ ދުރުވެވޭ ގޮތަށް މި އޮތީ. ހުޅުމާލޭގައި ބޭއްވީމަ ރީއްޗަށް ފެންނާނީ. އެއީ އެ ކޮޅުގައި އަލި މަޑުވީމަ." ޖާ ވިދާޅުވި އެވެ.

މިމަހުގެ 19 ވަނަ ދުވަހު ދުނިޔެއާ އެންމެ ގާތަށް ހަނދު އަންނައިރު ދުނިޔެއާ ހަނދާ ދެމެދު ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ މިންވަރަކީ ގާތްގަނޑަކަށް ތިންލައްކަ ފަންސާސް ހަތްހާސް ކިލޯމީޓަރެވެ. މިއީ ދުނިޔެއާއި ހަނދާ ދެމެދު އާންމުކޮށް ހުންނަ ތިން ލައްކަ އަށްޑިހަ ހަތަރުހާސް ކިލޯމީޓަރުގެ ދުރުމިނަށްވުރެ ގާތްގަނޑަކަސް 27 ހާސް ކިލޯމީޓަރު ކައިރި އެވެ.