04 Sep 2015, 21:36
ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ތަމްރީނު ކުރުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަނުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ދާއިރާ އިން ތަމްރީނު ހޯދުމަށް ބޭނުންވާ ފަރާތްތަކަކީ އެމްބީބީއެސް ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި އެމްބީބީއެސް ހެދުމަށް ފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށެވެ.
ޑިޕާޓުމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ އެ ފުރުސަތުތަކަށް މީހުން ހޮވުމުގައި ވަކި މިންގަނޑުތަކަކަށް އިސްކަން ދޭނެ ކަމަށެވެ.
އެގޮތުން އަތޮޅު ތެރޭގެ ސަރުކާރު ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒެއްގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އިސްކަން ދޭނެ ކަމަށް އެ ޑިޕާޓުމަންޓުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ. އަދި ބުނީ އަތޮޅު ތެރޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށް ވުރެ އިތުރުވާ ނަމަ ދެން އިސްކަންދޭނި، އެމްބީބީއެސް ހެދުމަށް ފަހު އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް ނުވަތަ ޞިއްޙީ މަރުކަޒެއްގައި ޚިދުމަތް ކޮށްފައިވާ މުއްދަތަށް ބެލުމަށް ފަހު ކަމަށެވެ.
އެ ޑިޕާޓުމަންޓުން ބުނީ ކޯހަށް ނަން ހުށަހަޅާ ފަރާތަކީ އެ ޑިޕާޓުމަންޓް މެދުވެރިވެގެން ކިޔެވުމުގެ ބޭނުމަށް ބޭންކުން ލޯނެއް ނަގާފައިވާ ފަރާތެއް ނަމަ އެ ލޯނެއް ގަވާއިދުން ދައްކަމުން ދާން ޖެހޭނެ ކަމަށެވެ.
ޑިޕްލޮމާ އިން ފެށިގެން މަތީގެ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން މައުލޫމާތުދެ އެވެ. އަދި ބެޗްލާސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާ ނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ޔުނިވަސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެސެޓުފިކެޓާ އެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ސްކޮލަޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށް ފަހު ހެލްތު މިނިސްޓުރީން ބޭނުންވެއްޖެ ހިނދެއްގައި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި އަހަރަކު އެއްފަހަރު ތިން މަސް ދުވަހަށް ވުރެ ކުރު ނޫން މުއްދަތެއްގައި ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ އެ ކޯސްތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ.