04 Sep 2015, 21:02
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފި އެވެ.
އިސްލާމިކު ޔުނިވާސިޓީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ 11:00ގެ ކުރިން އެ ޔުނިވާސިޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭ ކަމަށެވެ.
ހަމައެއާއެކު މި މަހުގެ 13 ވަނަ ދުވަހު 11:00 އަށް އިސްލާމިކު ޔުނިވާސިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދޭ ކަމަށް ވެސް އެ ޔުނިވާސިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ އިސްލާމިކު ޔުނިވާސިޓީ ހިންގަމުން އަންނަނީ ކުރީގެ ކުއްލިއްޔާ ހިންގަމުން އަންނަ އިމާރާތުގަ އެވެ.
އެ ޔުނިވާސިޓީ އަކީ މިދިޔަ އޭޕުރީލު މަހުގެ ތެރޭގައި މަޖިލީހުން ފާސްކުރި އިސްލާމިކު ޔުނިވާސިޓީގެ ގާނޫނުގެ ދަށުން އުފެދިފައިވާ ޔުނިވާސިޓީ އެކެވެ.