16 Mar 2011, 15:40
ސުނާމީ ކާރިސާގައި، ހާލުގައި ޖެހުމުގެ ސަބަބުން ތ. މަޑިފުށީ ވަގުތީ ހިޔާތަކުގައި ދިރިއުޅޭ އާއިލާތަކަކީ ޑިޒާސްޓާ ހާލަތުގައިތިބި ބައެއް ކަމަށް ސަރުކާރުން ނުދެކޭތީ، އެ އާއިލާތަކަށް ދެމުންއައި ފައިސާގެ އެހީ ކަނޑާލާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މަޑިފުށީ ދާއިމީ ހިޔާވަހިތަކުގައި ދިރިއުޅޭ އާއިލާތަކަށް، ބޮލަކަށް މަހަކު 50 ރުފިޔާގެ ނިސްބަތުން ސަރުކާރުން ދޭންނިންމި އެލަވަންސް އެ އާއިލާތަކަށް ލިބެމުން ނުދާ މައްސަލައިގައި، ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އެ އިނާޔަތް ކަނޑާލިކަން އެ އާއިލާތަކަށް ވެސް އަންގާފައިވާނެ ކަމަށެވެ. އަދި އެ އިނާޔަތް ކަނޑާލަން ނިންމި ސަބަބުތަކުގެ ތެރޭގައި، އެ އާއިލާތައް "ޑިޕެންޑެންސީ" އަކަށް ނުގެންދިއުން ހިމެނޭކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"ދެހާސް ނުވައެއްގެ މާޗުން ފެށިގެން ނިންމީ ބޮލަކަށް 50 ރުފިޔާގެ މަގުން އެލަވަންސެއްދޭން. ޑިސެމްބަރުގައި އެ އެލަވަންސް ކަނޑައިލީ، އާމްދަނީ ހޯދުމަށް އެފަރާތްތަކުން މަސައްކަތް ކުރަމުންދާތީ އާއި، އެހާ ޒަމާންވަންދެން މިފަދަ އެހީއެއް ދިނުމަކީ، ވަކި ގޮތަކަށް ރައްޔިތުން ޑިޕެންޑެންޓް ކުރެއްވުން ކަމަށްވާތީ" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، ވަގުތީ ހިޔާތަކުގައި ތިބި ނަމަވެސް އެމީހުން މިހާރު ތިބީ، ކާރިސާއެއްގައި ނިކަމެތިވި ހާލެއްގައި ނޫން ކަމަށެވެ. އަދި އެ ރައްޔިތުންނަކީ ޑިޒާސްޓާ ހާލަތުގައިތިބި ބައެއް ކަމަކަށް ސަރުކާރުން ނުދެކޭ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުން ގެންދިޔައީ، ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު އެންމެނަށް 2009 ވަނަ އަހަރު ބޯހިޔާވަހިކަން ހޯދައިދީ ނިންމުމަށް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރިއަށް ގެންދެވިފައިނުވި ނަމަވެސް އެފަދަ ހުރިހާ އެންމެނަށް ގެދޮރު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްގޮސްފި ނަމަ އެފަދަ އެންމެނަށް މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހޯދައި ދެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
މަޑިފުށީ ވަގުތީ ހިޔާތަކުގައި ދިރިއުޅޭ އާއިލާތަކަށް 50 ރުފިޔާގެ އެލަވަންސެއް ދޭން މި ސަރުކާރުން ނިންމީ، ކުރީގެ ސަރުކާރުން އެފަރާތްތަކަށް ހިލޭ ފޯރުކޮށްދެމުންއައި ކާބޯތަކެތި ފޯރުކޮށްދިނުން ހުއްޓައިލުމަށް ފަހުގަ އެވެ.