04 Sep 2015, 20:19
ޔޫރޯ 2016 ގެ ކޮލިފައިންގެ ގްރޫޕް ބީގައި ސައިޕްރަސްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކަމިޔާބު ހޯދައި 57 އަހަރަށްފަހު ވޭލްސް ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ކޮލިފައިވުމުގެ އުންމީދު އާ ކޮށްފިއެވެ.
ސައިޕްރަސްގެ ނިއޯ ޖީއެސްޕީ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ވޭލްސްގެ ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަޝްލީ ރިކާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ރެއާލް މޭޑްރިޑްގެ ވިންގާ ގެރެތު ބޭލްއެވެ.
ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ވޭލްސް އޮތީޖުމުލަ 17 ޕޮއިންޓް ލިބިގެން ތާވަލްގެ އެއް ވަނައިގައެވެ. މިގުރޫޕުން ދެ ވަނައިގައި އޮތީ ރޭ ބޮސްނިއާ ހެޒެރެގޮވީނިއާ އަތުން 3-1 ނަތީޖައަކުން ކާމިޔާބު ކުރި ބެލްޖިއަމްއެވެ.
ރޭގެ މެޗުން މޮޅުވެ އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯއަށް ކޮލިފައިވުމާ ގާތަށް ވޭލްސް ޖެހިލިރު އެޓީމް އެންމެ ފަހުން ކުޅެފައިވާ އެފަދަ ބޮޑު މުބާރަތަކީ ސްވިޑެންގައި 1958 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕެވެ.
ރޭ ގުރޫޕް އޭގައި ދިހަ މީހުންނާއެކޮށް ކުޅެމުން ދިޔަ ހޮލެންޑްގެ މައްޗަށް 1-0 ގެ ނަތީޖައަކުން ކާމިޔާބު ހޯދައި އައިސްލެންޑްވެސް ވަނީ ކޮލިފައިވުމުގެ އުންމީދު އާކޮށްފައެވެ.
އެ މެޗްގައި އައިސްލެންޑްގެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއެއް ގައި ސްގްރޫސަންއެވެ.
މެޗްގެ ބޮޑު ބައެއް ހޮލެންޑުން ދިހަ މީހުންނާއެކު ކުޅެން ޖެހުނީ މެޗްގެ 33 ވަނަ މިނިޓްގައި އެޓީމްގެ ޑިފެންޑަރު ބުރުނޯ މާޓީން އެންޑީސްއަށް ރަތް ކާޑު ދެއްކުމުންނެވެ.
ކޮލިފައިގައި އެންމެ ފޯރިގަދަކޮށް ދާ އެއް ގުރޫޕްކަމުގައިވާ އިޓަލީއާ ކްރޮއޭޝިއާ ހިމެނޭ ގުރޫޕް އެޗްގައި އެއްވަނައިގައި އޮތް ކްރޮއޭޝިއާ ރޭ އަޒަރުބައިޖާންއާ އެއްވަރުވުމުން ދެ ވަނައިގައި އޮތް އިޓާލީ، މާލްޓާ އަތުން 1-0 ން މޮޅުވުމުން ދެޓީމްގެ ޕޮއިންޓް މިހާރު ވަނީ އެއްވަރުވެފައެވެ.
ދެޓީމަށްވެސް 15 ޕޮއިންޓް ލިބިފައިވާއިރު އަދިވެސް ލަނޑުގެ ތަފާތުން އެއްވަނައިގައި އޮތީ ކްރޮއޭޝިއާއެވެ.
ޔޫރޯ ކޮލިފައިންގައި މިރޭވެސް ފޯރިގަދަ ގިނަ މެޗްތަކެއް ކުޅެވޭނެއެވެ. އެގޮތުން ރާއްޖޭ ގަޑިން މިރޭ 11:45 ގައި ގުރޫޕް ޑީގައި އެއް ވަނައިގައި އޮތް ޕޮލެންޑާ ދެ ވަނައިގައި އޮތް ޖަރުމަން ބައްދަލު ކުރާ މެޗް ފާހަގަކޮށްލެވެއެވެ.