ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މުސާ މަނިކު (ރީކޯ މޫސަ) ގެ ފަރާތުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އެމެރިކާގެ ކުންފުންޏަކުން މިއަދު ދައުވާކޮށްފި އެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކެޓަޕިލާ ފިނޭންޝަލް ސާވިސާސްގެ އޭޝިޔާ ބްރާންޗުގެ ދަށުން މޫސަގެ މައްޗަށް ކުރާ ދައުވާ ހުށަހަޅުއްވަމުން އެ ކުންފުނީގެ ވަކީލު އިދްހާމް މުއިއްޒު އަދުނާން ވިދާޅުވީ އެ ކުންފުނިން ހެވީލޯޑް މޯލްޑިވްސް އަށް ފެބްރުއަރީ 19، 2007 ގައި 700،000 ޑޮލަރު (8،995،000ރ.) ގެ ލޯނެއް ދީފައިވާ ކަމަށެވެ. އަދި މި ލޯނަށް ގެރެންޓީ ދީފައި ވަނީ މޫސަ ކަމަށާއި ހެވީލޯޑުން ލޯނު ނުދައްކައިފި ނަމަ އޭނާ އަމިއްލައަށް އެ ފައިސާ ދައްކާނެ ކަމަށް ބުނެ އެއްވެސް ޝަރުތެއް ނެތި އެއްބަސްވެފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ ހެވީލޯޑުން ބަރާބަރަށް ލޯނު ދައްކާފައި ނުވާ ކަމަށާއި އެހެންކަމުން ލޯނަށް ނުލިބިވާ 318،743 ޑޮލަރު (4،095،847ރ.) ރުފިޔާ ދެއްކުމަށް މޫސަގެ މައްޗަށް އަމުރު ކޮށްދެއްވުމަށް ކުންފުނީގެ ފަރާތުން ވަކީލު އެދިވަޑައިގަތެވެ.

މީގެ އިތުރުން ވަކީލު ވިދާޅުވީ ލޯނު ދައްކާނެ ކަމަށް އެއްވެސް ޝަރުތަކާ ނުލައި މޫސަ ވެފައިވާ އެއްބަސްވުމަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީ ވެސް ކޮށްފައިވާ އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމަށް އިހްތިރާމް ކުރެއްވުމަށް ވެސް މޫސައަށް ވަކީލު ގޮވާލެއްވި އެވެ.

މޫސަގެ ފަރާތުން އޭނާގެ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ މި މައްސަލައިގައި އެ ކުންފުނިން ކޯޓަށް އައުމުގެ ކުރިން ވެސް އިތުރު އެއްބަސްވުންތަކެއް ހެދިފައިވާ ކަމަށެވެ. ވަކީލު އެދިވަޑައިގަތީ މޫސައާ މި މައްސަލައިގައި ވާހަކަ ދެއްކުމަށްފަހު ތަފްސީލީ ޖަވާބެއް ދެއްވުމުގެ ފުރުސަތަށެވެ.

ގާޒީ މަރިޔަމް ނިހާޔަތު މިއަދުގެ އަޑުއެހުން ނިންމާލެއްވީ ވަކީލަށް އެ ފުރުސަތު ދެއްވުމަށްފަހު އެވެ.