04 Sep 2015, 20:28
ރައްޔިތުންނަށް ރައްކާތެރި ވެށްޓެއް ގާއިމްކޮށްދީ މިނިވަންކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ފުލުހުން އަބަދުވެސް ތިބެން ޖެހޭނީ ދުޅަހެޔޮކަންމަތީގައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ މިނިވަން ފަންސާސް މިނީ އޮލިމްޕިކްސް ކުޅިވަރު އީދު ފައްޓަވައި ދެއްވުމުގެ ގޮތުން މާފަންނު ސްޓޭޑިއަމްގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ފުލުހުންނަކީ ހުވާކޮށްގެން ތިބި ބަޔަކަށް ވުމުން އެމީހުންގެ ހުވަޔާ އެއްގޮތަށް ގައުމު ހިމާޔަތް ކުރުމުގައި ދެމިތިބެން ޖެހޭނެ ކަމަށެވެ.
އެގޮތުން ފުލުހުން ދުޅަހެޔޮ ކަންމަތީ ބޭތިއްބުމަށް ފުލުހުންނަށް ބޭނުންވާ ހުނަރާއި ތަމްރީން ދީ ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުސައިން ވަހީދު ވިދާޅުވީ، ކުޅިވަރުގެ ތެރެއިން ދުޅަހެޔޮކަން ފުލުހުންނަށް ލިބިގެންދާ ކަމަށާއި އެކިއެކި ކުޅިވަރުތަކުގައި ފުލުހުން ބައިވެރިވުމަށް ހިތްވަރުދެއްވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ތެރޭގައި އެކިއެކި ކުޅިވަރުތައް އިންތިޒާމުކޮށްގެން ހިންގުމަށް ބޭނުންފުޅުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ފެށި މިނިވަން ފަންސާސް މިނީ އޮލިމްޕިކްސް ކުޅިވަރު އީދުގެ ހަރަކާތުގެ ތެރެއިން--- ފޮޓޯ: ޕޮލިސް ލައިފް
ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން މިއަދު ފެށި މިނިވަން ފަންސާސް އޮލިމްޕިކްސް ކުޅިވަރު އީދުގައި އެތުލެޓިކްސް އާއި ފެތުމާއި ޓޭބަލް ޓެނިހާއި ބީޗް ވޮލީ އާއި ބެޑްމިންޓަން އާއި 3 އޮން 3 ބާސްކެޓް ބޯލް އަދި ޓްރައިތެލޯން ހިމެނެއެވެ. މިކުޅިވަރުތަކުގައި ފުލުހުންގެ އިތުރުން އާއްމު ރައްޔިތުން ކޮންމެ ޑިޕާޓްމަންޓަކުން ބައިވެރިކުރާ ޓީމްތަކުގައިވެސް ހިމަނަންޖެހެއެވެ.