ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމުމަށް ހައިކޯޓުން ބާއްވާ އަޑުއެހުމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ރައީސް ނަޝީދަށް އޮތްކަން އަންގައި ހައިކޯޓުން ރައީސް ނަޝީދަށް ފޮނުއްވާފައިވާ ސިޓީއަކީ ސައްހަ ސިޓީއެއްތޯ ބަލާނެ ކަމަށް ނަޝީދުގެ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.

ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު މިއަދު "ސަން" އަށް ވިދާޅުވީ، އިއްޔެ 15:30 އެހާކަންހާއިރު ރައީސް ނަޝީދާ އެބޭފުޅުންނާ [ވަކީލުން] ބައްދަލުކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ ހައިކޯޓުން ރައީސް ނަޝީދަށް ސިޓީއެއް އައިސްފައިވާކަން ރައީސް ނަޝީދުގެ ވަކީލުންގެ އަރިހުގައި ވިދާޅުވި ކަމަށެވެ.

އެ ސިޓީގައި ވަނީ ރައީސް ނަޝީދުގެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން އިޖްރާއީ އަޑުއެހުމެއް ބާއްވާ ކަމަށެވެ. އަދި އެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާނެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ހަސަން ލަތީފު ވިދާޅުވީ މިހާރު ކަންތައްތައް ހުންނަ ގޮތުން އެ ސިޓީ އަކީ ހައި ކޯޓުން ފޮނުވާފައިވާ ސިޓީއެއްކަން ގަބޫލުކުރަން ދަތި ކަމަށެވެ.

"އޭގައި އެބައޮތް ހައިކޯޓުގެ ލެޓާ ހެޑު. ތައްގަނޑު ވެސް އެބައޮތް ޖަހާފައި. އޭގައި އޮތް އެއްޗަކާ މެދު އެއްޗެއް ބުނުމުގެ ކުރިން އަޅުގަނޑުމެން ބަލަން ބޭނުން އެއީ ހައިކޯޓުން ފޮނުވާފައިވާ އެއްޗެއްތޯ،" ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ، އާދިއްތަ ދުވަހު އެ މަސައްކަތް ވަކީލުންގެ ޓީމުން ކުރާނެ ކަމަށެވެ. އަދި އެއީ ހައިކޯޓުން ފޮނުވާފައިވާ ސިޓީއެއްތޯ ޔަގީން ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދަށް ހައިކޯޓުން ފޮނުވާފައިވާ ސިޓީގެ ސައްހަކަން ޔަގީން ކުރާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ޖަލު ހުކުމުގެ ބާކީ އޮތް ބައި ގޭގައި ތަންފީޒުކުރާ ގޮތަށް ހަމަޖެއްސިކަން އަންގައި، ކަރެކްޝަނަލް ސާވިސް އިން ދިން ކަމަށް ބުނާ ލިޔުމަކީ ކަރެކްޝަނުން ދީފައިވާ ލިޔުމެއް ނޫން ކަމަށް ބުނެ އެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.