އދ. މަޖިލިސް (ސެޕްޓެމްބަރު 4): ސޫރިޔާގެ ހަނގުރާމަ ހިންގައި ދަމަހައްޓަނީ ބޭރުގެ ފަރާތްތަކުން ކަމަށާއި ސޫރިޔާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންނަކީވެސް އަނިޔާވެރިކަމުގައި އެއްފެންވަރުގެ ބައެއް ކަމަށް އދ. ން ބުނެފިއެވެ.

ސޫރިޔާގެ ހަނގުރާމައިގެ ދެފަރާތުން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާބެހޭގޮތުން އދ.ގެ މުހައްގިގުން ނެރުއްވި ރިޕޯޓެއް ބުނާގޮތުން ސޫރިޔާގެ ހަނގުރާމައިގެ އަލިފާންގަނޑަށް "ދަރާއި ތެޔޮ" އަޅަމުންދަނީ ބޭރުގެ ފަރާތްތަކުންނެވެ.

މިރިޕޯޓް ބުނާގޮތުން ސޫރިޔާގެ ހަނގުރާމަ ދެފަރާތް ކަމަށްވާ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައް ތިބީ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެ ގަނެވޭފަދަ ޙާލަތެއްގައެއް ނޫނެވެ. އެހެންކަމުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އެއްބަޔަކު ބަލިކޮށްލުމަކީ އަނެއްބަޔަކަށް ކުރެވޭނެ ކަމެއްނޫންކަމަށާއި ކޮންމެ ބަޔަކަށްވެސް ވާގިވެރިވަނީ ބާރުގަދަ ފަރާތްތަކަކުން ކަމަށާއި އެކަމުގެ ނަތީޖާއަކީ މި އަނިޔާވެރި ހަނގުރާމަ ދިގުމުއްދަތަކަށް ދިގުދެމިގެންދިއުން ކަމަށް މިރިޕޯޓް ބުނެއެވެ.

ސޫރިޔާގެ ހަނގުރާމައިގައި ބައްޝާރުގެ ސިފައިންނާއި އައިއެސް އާއި ޖަބްހަތުއްނުސްރާގެ ހަނގުރާމަވެރިންނަކީ ސޫރިޔާގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޖަރީމާތައް ހިންގާ ފަރާތްތައްކަން އދ. ގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މިޖަރީމާ ތަކުގެ ތެރޭގައި އަންހެނުންނާއި ފިިރިހެނުން ރޭޕްކުރުމާއި ވަގަށް ނެގުމާއި ހައްޔަރުކުރެވޭ މީހުންގެ ބޮލާއި އަތްފައި ބުރިކޮށްގެންނާއި ދަންޖައްސައިގެންނާ އަދި ތަޅައި އަނިޔާކޮށްގެން އެމީހުން މެރުމާއި މީހުން ވަގަށްނެގުން ފަދަ ބިރުވެރި ބޮޑެތި އަނިޔާތައް ހިމެނެއެވެ.

މި ޖަރީމާތައް ތަހްގީގް ކުރި އދ. ގެ ކޮމިިޓީގެ ރައީސް ސަރްޖިޔޯ ޕިނޭރޯ ވިދާޅުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައަށްވެސް އަދި އެހަނގުރާމައިގައި ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކަށް ކައިރި މުސްތަގްބަލެއްގައި ނިމުމެއްނެތް ކަމުގައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައްޝާރުގެ ސަރުކާރަށް އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ވާގިވެރިވަނީ ރަޝިޔާއާއި އީރާނުންނެވެ.

ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް ހަނގުރާމަކުރާ އިދިކޮޅު ހަނގުރާމަވެރިންގެ އެތަށް ސަތޭކަ ޖަމާއަތެއްވާއިރު މީގެތެރެއިން ފްރީސީރިޔަން އާމީ ޖަމާއަތަށް ސީދާގޮތެއްގައި ހަތިޔާރާއި ފައިސާއާއި ތަމްރީން ދެނީ އެމެރިކާއާއި ތުރުކީއާއި ޔޫރަޕްގެ ގައުމުތަކުގެ އިތުރުން ސައޫދީ އަރަބިޔާއާއި ގަތަރުންނެވެ. އަދިި އިދިކޮޅު އެންމެ ބާރުގަދަ ދެޖަމާއަތް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތަށް ނުސީދާގޮތެއްގައި އެހީތެރިވާ ކަމުގެ ތުހުމަތުވެސް އެމެރިކާއާއި ގަލްފުގެ ގައުމުތަކާ އަދި ތުރުކީގެ މައްޗަށް ކުރެވިފައިވެއެވެ. މީގެ އެއްހެއްކަކީ އައިއެސްއާ ގުޅުމަށް ގައުމުތަކުންދާ ހަނގުރާމަވެރިން ތުރުކީއަށް ގޮސް ތުރުކީގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިޔާއަށްވަދެ އައިއެސްއާ ގުޅޭއިރު ތުުރުކީން އެކަން ނުހުއްޓުވުމެވެ.

އައިއެސް ޖަމާއަތުގައި ހަނގުރާމަކުރާ ޒުވާން ހަނގުރާމަވެރިންގެ ތެރޭގައި ސައޫދީ ރައްޔިތުން ކަމަށްވާއިރު އައިއެސް އަށް ނުސީދާގޮތެއްގައި ސައޫދީން އެހީތެރިވަނީ އީރާނުގެ އެހީތެރިކަން ބައްޝާރުގެ ސަރުކާރަށް ލިބޭތީއެވެ. އައިއެސްއިން އެމެރިކާގެ ޒަމާނީ ހަތިޔާރު ބޭނުންކުރާއިރު މިހަތިޔާރުތަކަކީ އެމެރިކާއިން ސިއްރިޔާތުގައި އިރާގުގެ ކަންކޮޅުތަކުގައި އައިއެސްއަށް ލިބޭގޮތަށް ބަހައްޓާފައިވާ ހަތިޔާރުކަމަށް އިރާގުގެ ޕާލަމެންޓުން ކުރި ތަހްގީގަކުން މިއަހަރުގެ ކުރީކޮޅު ހާމަވެފައިވެއެވެ.

ތަހްލީލީ ރިޕޯޓްތައް ބުނާގޮތުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިން ފެންނަނީ އެގައުމުގެ އަވަށްޓެރި ސަރަހައްދީ ބާރުތައް ކަމަށްވާ ތުރުކީއާއި ސައޫދީ އަރަބިޔާއާއި އީރާނާ އަދި މިސްރު މިހަތަރު ގައުމުގެ މެދުގައި ހިނގަމުންދާ ހަތުރުވެރިކަމާއި ވާދަވެރިކަމެވެ. ތުރުކީން ބައްޝާރުގެ ސަރުކާރު ވައްޓާލަން ބޭނުންވާއިރު މިސްރުން ތުރުކީ ދެކެއަންނަ ރުޅީގައި ބައްޝާރުގެ ސަރުކާރަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދެއެވެ. އަދި ހަރުކަށި އިސްލާމީ ޖަމާއަތްތަކާ ދެކޮޅަށް އަލްޖަޒާއިރުން ކުރާ ހަނގުރާމައިގެ ދަށުން އެގައުމުންވެސް ބައްޝާރުގެ ސަރުކާރަށް ހަތިޔާރާއި ފައިސާ ފޯރުކޮށްދޭކަމަށްވެއެވެ.

ސައޫދީން ބައްޝާރުގެ ސަރުކާރު ވައްޓާލަންބޭނުންވަނީ މެދުއިރުމަތީން އީރާނުގެ ބާރާއި އީރާނަށް ތާއީދުކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ބާރު ކަނޑުވާލުމަށެވެ. އީރާނުގެ ބާރު ކަނޑުވާލެވިއްޖެނަމަ ސޫރިޔާގައިވެސް އަދި ލުބްނާނުގައިވެސް އޮންނާނީ ސައޫދީންގެ ބާރުކަމުގެ ހުވަފެން ސައޫދީ ވެރިން ދެކެވަޑައިގަންނަވައެވެ. އެކަމަށްޓަކައި ސައޫދީން ސޫރިޔާގެ ހަނގުރާމަވެރި އެތަށް ޖަމާއަތަކަށް ވާގިވެރިވެއެވެ. އީރާނުން ބޭނުންވަނީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް އެގައުމުގެ ބާރު މެދުއިރުމަތީގައި ދެމެހެއްޓުމަށްޓަކައި ބައްޝާރުގެ ސަރުކާރު ވެއްޓުނަ ނުދީ ހިފެހެއްޓުމަށެވެ. މިކަމަށްޓަކައި އީރާނުން ހަތިޔާރާއި ސިފައިންނާއި ފައިސާއާއި ޓެކްނޮލޮޖީ ބައްޝާރުގެ ސަރުކާރަށް ވަރަށް ފުރިހަމަ ގޮތެއްގައި ފޯރުކޮށްދެއެވެ.

އަނެއްކޮޅުން ބައްޝާރަކީ ރަޝިޔާ އިތުބާރުކުރާ ފަރާތަކަށްވެފައި ބައްޝާރުގެ ސަރުކާރު ވެއްޓިގެން ދިޔުމަކީ ރަޝިޔާއަށްވެސް ސިޔާސީ އަދި އިގްތިސާދީ ގެއްލުންތަކެއް ލިބޭނެ ކަމެއްކަމުން ކޮންމެ އަގެއް ދައްކާފައިވެސް ބައްޝާރުގެ ސަރުކާރު ހިމާޔަތްކުރަން ރަޝިޔާ ބޭނުންވެއެވެ. މިފަރާތްތަކުގެ އަރާރުންތަކާއެކު ސޫރިޔާ މުޅިން ހަލާކުވެ ފުނޑުުނޑުވެގެން ދިޔުމަކީ އެމެރިކާއާއި އިސްރާއީލުގެ މަގްސަދުތައް ނުސީދާގޮތެއްގައި ހާސިލްވެގެންދާ ކަމެއްކަމަށްވާތީ އެމެރިކާ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ވަންނާކަށް އެމެރިކާ ބޭނުމެއް ނުވެއެވެ. މިހުރިހާ ކަމެއްގެ ޝިާރައަކަށްވެ ހަލާކުވެ ފަނާވަމުންދަނީ ސޫރިޔާގެ ނިކަމެތި ރައްޔިތުންނެވެ. (ނޫސްއެޖެންސީތައް)