03 Sep 2015, 23:37
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ފައްޓަވާފައިވާ ބިޔަ ބޮޑެތި މަޝްރޫއުތަކުގެ "ފޮނި މީރުކަން" ލިބިގަތުމަށް އަންނަ ދައުރަށް ރައީސް ޔާމީން އިންތިހާބު ކުރަން ޖެހޭ ކަމަށް ނައިބު ރައީސް އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ތާޖުއްދީނު ސްކޫލުގައި މިރޭ އޮތް، ރައީސް ޔާމީން 2018ގެ ކެމްޕޭން ލީޑަރުން ތަމްރީނު ކުރުމުގެ މަހާސިންތާ ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަދީބު ވިދާޅުވީ ރައީސް ޔާމީނަކީ ކަންކަމުގައި ހުސް ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ އަމަލުން އެކަންތައްތަކުގައި ރައްޔިތުންނަށް ހައްލު ގެނެސްދެއްވާ ބޭފުޅެއް ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ އަންނަން އޮތް ޖީލަށްޓަކައި އަދި ދިވެހި ގައުމުގެ މުސްތަގުބަލަށް ޓަކައި އާ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރުމަކީ ދިވެހި ރައްޔިތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"މިއީ ފެށުމެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެން ދާނީ އެތައް ބައިވަރު މަހާސިންތާއެއް ބާއްވަމުން އެތައް ބޮޑެތި ބައްދަލުވުންތަކެއް ބާއްވަމުން. ވާދަކުރަން ބޭނުންފުޅުވާ ފަރާތްތަކުން ވެސް އަވަހަށް އިއުލާނު ކުރައްވާ. އަޅުގަނޑުމެންގެ މިއޮތީ ޑިމޮކުރަސީއެއް. އެބޭފުޅުން ކޮންމެތާކު ތިބި ކަމުގައި ވިއަސް ކެމްޕެއިން ކުރެވޭނެ. އަވަހަށް ކެމްޕެއިން ފައްޓަވަންވީ. ހަމަގައިމު ވެސް އަޅުގަނޑުމެން ދާނީ ކުރިއަށް،" ޕީޕީއެމްގެ ނައިބު ލީޑަރު އަދީބު ވިދާޅުވި އެވެ.

ނައިބު ރައީސް މަހާސިންތާ ހުޅުއްވައިދެއްވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ނައިބު ރައީސް އަދީބު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ނުކުރެއްވުނު ނަމަ ރައްޔިތުން އުޅެންޖެހުނީހީ ހިތްދަތި ދިރިއުޅުމެއްގައި ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ އޭރުން ރައްޔިތުން އުޅޭނެ ބިކަހާލު އިހުސާސުކޮށްލަން ވެސް ދަތި ވާނެ ކަމަށެވެ.
"ހަމަގައިމު ވެސް އަޅުގަނޑު ދެކުނިން އަޅުގަނޑުމެންނަށް ބޭރު ގައުމުތަކުން އައިސް ކަންތައްތަކެއް މަޖުބޫރު ކުރެއްވި މަންޒަރު. ނުވަތަ ޑޮލަރަށް ރައްޔިތުން ސަލާން ޖަހަން އުޅުން މަންޒަރު އަޅުގަނޑުމެން ދެކުނިން. އަޅުގަނޑުގެ ލޮލުން ދެކުނިން. އަޅުގަނޑަށް ފެނުނު ދިވެހި ގައުމު އޮތް ނިކަމެތި ހާލަތު. އާދެ ރައީސް ޔާމީން ވެސް ބޭނުންފުޅު ނަމަ ބޭރު ގައުމުތަކުގައި މަޝްހޫރުވާން މިހާރު މިގައުމު އަޑިއަށް ދަނީއޭ ނުވަތަ މިގައުމުގައި އަބަދު ވެސް ފެންބޮޑުވަނީ އޭ މިހުރިހާ ވާހަކައެއް ދައްކަވާފައި އެމަނިކުފާނަށް [ރައީސް ޔާމިން] މަޝްހޫރުކަން ކުރެވުނީހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސް ޔާމީނަށް ރާއްޖޭގެ ވެރިކަން ކުރައްވަން ލިބިވަޑައިގަތީ "ފިނިފެން މަލުގެ ދާނެއްގައި" ނޫން ކަމަށެވެ. އަދީބު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި އިންތިހާއަށް އޮތް ކަމަށެވެ.

ރައީސް ޔާމީންގެ ދެކަނބަލުންގެ އިތުރުން އެމްޑީއޭގެ ލީޑަރު ސިޔާމް މަހާސިންތާގައި ބައިވެރިވެވަޑައިގަންނަަވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"އަޅުގަނޑުމެންނަށް ފެނުނު އަޅުގަނޑުމެންގެ އެއާޕޯޓު އާބިޓުރޭޝަން ދިޔަ ގޮތް. އަޅުގަނޑުމެންނަށް ފެނުން އެތައް ބައިވަރު މައްސަލަތެއް ދިވެހިރާއްޖެ މިއަދު ވެސް އިނދަ ޖެހިދާނެ ނުވަތަ ރާއްޖެ ހުއްޓުމަކަށް އައިސްދާނެ ބައިވަރު ކަންތައްތައް. އާދެ ވަރަށް ހަލަބޮލި ކަމެއްގެ ތެރޭގައި އޭރު ގައުމު އޮތީ. އެ ހުރިހާ ކަމެއް ކަނޑައްތުކޮށް މި ހިސާބަށް އާދެވުމުން މިހާރު އެންމެން ވެސް، އަޅުގަނޑުމެންގެ އިއްޒަތްތެރި ޕާލިމަންޓު މެމްބަރުންނާއި ސިޔާސީ ފަރާތްތަކާއި މިވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހި ވަރަށް ހަމަޖެހިލާ މުޅި ގައުމުގައި ހަމަޖެހުން އޮތީތީ ވަރަށް އުފަލާއި އަރާމުގައި އަޅުގަނޑުމެން އުޅޭތީ އެބަ ދެކެން." ނައިބު ރައީސް ވިދާޅުވި އެވެ.
މިރޭ ހުޅުވި މަހާސިންތާގައި ރައީސް ޔާމީންގެ ދެކަނބަނލުންގެ އިތުރުން ސަރުކާރު ކޯލިޝަން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މިއަދު ބުނީ މިރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ މަހާސިންތާގައި އުތުރުގެ 12 އަތޮޅަކުން މަންދޫބުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން މަހާސިންތާގައި 318 ބައިވެރިން ބައިވެރިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އެ ބައިވެރިންގެ އިތުރުން 12 އަތޮޅު ތަމްސީލު ކުރާ 12 ކޯޑިނޭޓަރުން ވެސް މަހާސިންތާގައި ބައިވެރިވާނެ ކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މައުލޫމާތުދެ އެވެ.