16 Mar 2011, 14:48
އަންނަ އަހަރުން ފެށިގެން، މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެއަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި ނެގުމަށް ކަނޑައަޅާފައިވާ، 25 ޑޮލަރު ނެގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ކަމަށް، އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން، ތަސްމީނު ވިދާޅުވީ، އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު ނެގުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާ ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށް ކަމަށް ވިދާޅުވެ، އެކަމުން ގައުމަށް ލިބުނު ފައިދާއަކީ ކޮބައިކަން ސަރުކާރުން ބުނެދެން ޖެހޭ ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.
"އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެއަތުން ނެގުމަށް ހަމަޖެހިފައިވާ 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައިވާ ގޮތުގެމަތިން ނޫނީ ނެނގޭނެ އެއްޗެއްކަމަކަށް ނުދެގެން. އަދި އެކަމަށް ތާއީދެއް ވެސް ނުކުރެވޭ. އެއާޕޯޓު ހަވާލު ކުރުމުން ހިދުމަތުގެ އަގު ބޮޑުވުންފިޔަވައި ގައުމަށް ވެފައިވާ ފައިދާއަކީ ކޮބައިތޯ ސަރުކާރުން ބުނެދެން ޖެހޭ." ތަސްމީނު ވިދާޅުވި އެވެ.