03 Sep 2015, 22:30
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެ، ހ. ލޮބީ ހުސައިން ހުމާމް އަހްމަދަށް އިއްވާފައިވާ މަރުގެ ހުކުމްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އަންނަ ހޯމަ ދުވަހަށް ހައިކޯޓުގައި ތާވަލު ކޮށްފި އެވެ.
ދަށުކޯޓުން ހުމާމުގެ މައްޗަށް ކުރި މަރުގެ ހުކުމުގެ ހުރިހާ އަޑުއެހުމެއް މިހާރު ނިމިފައިވާއިރު އެމައްސަލައިގެ ހުކުމް ހޯމަ ދުވަހަށް ތާވަލުކުރިކަން ސަންއަށް ވަނީ އެނގިފަ އެވެ. ނަމަވެސް ތާވަލު ކުރީ ހޯމަދުވަހުގެ ކޮންގަޑިއަކަށް ކަމެއް ސާފެއްނުވެ އެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި އިސްތިއުނާފުގެ އެންމެ ފަހު އަޑުއެހުން ނިންމާލައްވައި ހުލާސާ ބަޔާން އިއްވަމުން ހުމާމުގެ ވަކީލު އަބްދުﷲ ހަސީނު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހުމާމް އިއުތިރާފްވީ ފުލުހުން ބިރުދެއްކުމުން ކަމަށެވެ. އަދި ފަހުން ހުމާމް އެކަމަށް އިންކާރުކޮށްފައިވާއިރު، އޭނާ އިންކާރު ކުރި ކުރުން ސައްޚަ ކަމަށް ވެސް ހަސީން ވިދާޅުވިއެވެ.
ހުމާމް މީހަކު މަރަނިކޮށް ފެނުނު އެއްވެސް ހެއްކެއް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅިފައި ނުވާއިރު އަފްރާޝީމް މަރާލިކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައި ވަނީ ގަތުއީ ގޮތުން ސާބިތުވާ ވަރުގެ ހެކިތަކެއް ނޫންކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ހުމާމް މެރުމަށް ކުރި ހުކުމަކީ ޝައްކުތަކުން ފުރިގެންވާ ހުކުމެއް ކަމަށާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތު ކުރުމުގައި އެއްވެސް ޝައްކެއް އޮވެގެން ނުވާނެ ކަމަށް ރަސޫލާގެ ހަދީސްފުޅެއްގައި އޮންނަ ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.
މީގެ ކުރިން 29 ފަހަރެއްގެ މަތިން ތަފާތު އެކި މައްސަލަތަކުގައި ހުމާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާއިރު، އެއިރު އޭނާގެ ކިބައިގައި ނަފްސާނީ މައްސަލަތައް ނުހުންނަނީތޯ މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު އަލީ ސަމީރު ސުވާލު ކުރެއްވި އެވެ.
ހަސީންގެ ވާހަކަތަކަށް ރަށްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ އޭނާ ވެފައިވާ އިއުތިރާފުގެ މައްޗަށް އެކަނި ބެލުމަށްފަހު ނޫން ކަމަށާއި ކުށް ސާބިތުކުރީ ހެކީންގެ ހެކިބަހަށް ވެސް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
ހުމާމަށް އިއްވި މަރުގެ ހުކުމްގައި ފާހަގަކޮށްފައިވާ ފަދައިން ދައުލަތުގެ ވަކީލު ވިދާޅުވީ މީހެއްގެ ހައްގެއް އެކުލެވޭ ކުށަކަށް އިއުތިރާފުވުމަށްފަހު އެ އިއުތިރާފުން ރުޖޫއަ ނުވެވޭނެ ކަމަށް އިސްލާމްދީނުގެ ބޮޑެތި އިލްމުވެރިން ވިދާޅުވެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ހުމާމް މެރުމަށް ދަށު ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.