ތ. ވިލުފުށި ސިއްހީ ސިއްހީ މަރުކަޒާއި ސ. މަރަދޫ ސިއްހީ މަރުކަޒުގެ އާބާތުރަ ފިލުވުމަށް 2.5 މިލިއަން ރުފިޔާއަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އެކެއް ޕޮއިންޓު އެކެއް މިލިއަން ރުފިޔާއަށް ވިލުފުށި ސިއްހީ މަރުކަޒުގެ އާބާތުރަ ފިލުވަން ހަވާލުކުރީ ރަޖާ ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ސ. މަރަދޫ ސިއްޙީ މަރުކަޒު މަރާމާތުކުރުމަށް 1.4 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ޔުމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ވިލުފުށި ސިއްހީ މަރުކަޒުގެ މިހާރު އޮތް ޖާގައަށްވުރެ ބޮޑު ޖާގައެއް ހެދުމަށް އެއްބަސްވެފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ، މަރަދޫ ސިއްޚީ މަރުކަޒުގައި މިހާރުހުރި އިމާރާތާއި، އަލަށް ހަދާފައިވާ އިމާރާތް ގުޅާލުމަށް ހަދަންޖެހޭ ކަނެކްޝަން އިމާރާތުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާބާތުރަ ފިލުވަަައި މަރާމާތު ކުރުމުގެ މަސައްކަތްތައް ވީ އެންމެ އަވަސް މުސްތަގުބަލެއްގެ ތެރޭގައި ނިންމާލުން،" މިނިސްޓަރު ވިދާޅުވި އެވެ.

ވިލުފުށީ ސިއްޙީ މަރުކަޒުގެ މަސައްކަތް 85 ދުވަހުގެ ތެރޭ ނިންމަންޖެހޭއިރު މަރަދޫ ސިއްޙީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް 80 ދުވަހުގެތެރޭގައި ނިންމަންޖެހެއެވެ.