03 Sep 2015, 20:34
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް އަދީބާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީނާއި ނައިބު ރައީސް އަދީބުގެ އިތުރުން އެޓާނީ ޖެނެރެލް މުހައްމަދު އަނިލް އާއި ފޮރިން މިނިސްޓަރު ދުންޔާ މަޢުމޫނާއި، ހޯމް މިނިސްޓަރު ޢުމަރު ނަސީރުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރެލު މުހުތާޒު މުހުސިނާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުން އެދިވަޑައިގެންފައިވާ ކަމަށެވެ.
ހަމައެއާއެކު މާފުށީ ޖަލުގައި ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ވެސް ގާނޫނީ ވަކީލުންގެ ޓީމުން އެދިވަޑައިގެންފައިވާ ކަމަށާއި އެހެންކަމުން އެކަމަށް އެދި މިހާރު ހޯމް މިނިސްޓަރު އުމަރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ވެސް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އަމާލް ކްލޫނީ އަދި ޖެރެޑް ގެންސަރ ދިވެހިރާއްޖެއަށް ވަޑައިގަންނަވާއިރު ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން ވަނީ އެބޭފުޅުންގެ ބިޒްނަސް ވިސާ ދޫކުރުމަށް ހުއްދަ ދެއްވާފައި ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
"ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމާ ގުޅިގެން އދ. ގެ ވަރކިން ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަން އަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ މައްސަލަ ހުށަހަޅުއްވާފައެވެ. މި މައްސަލައިގައި އދ. ގެ ވާކިން ގްރޫޕްއިން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ބަލައިގެންފައިވާ ބޭފުޅުން ރާއްޖެ ވަޑައިގެން ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމުގައި އެޓާނީ ޖެނެރެލްގެ އޮފީހުން ވަނީ ސިޓީއަކުން އަންގަވާފައެވެ." ބަޔާނުގައިވެ އެވެ.
ރައީސް ނަޝީދުގެ އޮފީހުން ބުނީ ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. އަދި ބުރާސްފަތި ދުވަހާ ޖެހެންދެން ރާއްޖޭގައި މަޑުކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދުގެ އޮފީހުން ބުންޏެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ.