03 Sep 2015, 20:27
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ އެކި ގޮފިތަކުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ކުރައްވަމުން ގެންދަވާ ތާއީދަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އެކި ގޮފިތަކުންނާއި ޕީޕީއެމްގެ އާންމު މެމްބަރުން އެމަނިކުފާނަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ގެންދަވާތީ އެކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
PPM ge gofi thakunnaa menbarun alhugan'dah thaaeedhu kuravvaakan haama kuravvamun gendhavaathee varah bodah shukuru dhannavan.
— Maumoon Abdul Gayoom (@maumoonagayoom)September 3, 2015
ރައީސް މައުމޫނަށް ޕާޓީގެ ރައީސްކަން ގެއްލޭ އިސްލާހު ފާސްވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕަށާއި އާންމު މެމްބަރުންނަށް ގޮވާލާ އެ ޕާޓީގެ ބައެއް ގޮފިތަކުން މިއަދު ވަނީ ބަޔާންތަކެއް ނެރެފަ އެވެ.
އެގޮތުން އެޕާޓީގެ ވިލިމާ ގޮފިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ ބޭނުމަކީ ޕީޕީއެމާއި ރައީސް މައުމޫނަށް ތާއީދު ކުރާ އެތައް ހާސް ރައްޔިތުންނެއްގެ މެދުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުން ކަމަށެވެ.
ބިލެތްފަހީ ހުވާސް ގޮފިން ބުނެފައިވަނީ ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަމުން ދުރުކުރުމަށް ކުރާ މަސައްކަތަށް ތާއީދު ނުކުރާ ކަމަށާއި އެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އެމްޑީޕީއަށް ނިސްބަތްވާ މެދު ހެންވޭރު ދާިއރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ
ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އުމުރު ވެސް 65 އަހަރަށް ވުރެ މަތިވެގެން ނުވާނެ ކަމަށެވެ.
އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެންމެ މަތީ އުމަރު ވެސް 65 އަހަރަށް ވުރެ މަތިވެގެން ނުވާނެ ކަމަށެވެ. އަދި ބުނެފައި ވަނީ އެ އިސްލާހު ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ހިންގުމުގައި އުމުރުން 65 އަހަރުން މަތީގެ ބޭފުޅަކު ހުންނެވި ކަމަށްވާ ނަމަ އެ ބޭފުޅެއް އެ މަގާމުން ވަކިވާނެ ކަމަށެވެ.
އެގޮތަށް އެ އިސްލާހު ފާސްވެއްޖެ ނަމަ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސް ކަން ގެއްލޭނެ އެވެ. ރައީސް މައުމޫނުގެ އުމުރުފުޅަކީ 77 އެވެ.