03 Sep 2015, 19:22
ފިލިޕީންސާ ދޮކޮޅަށް ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗުން 2-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެއެވެ.
ފިލިޕީންސްގެ ވެރިރަށް މެނީލާގެ ރިޒްލާ މެމޯރިއަލް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިންމާލިއިރު ފިލިޕީންސްގެ ދެ ލަނޑުވެސް ކަމިޔާބު ކުރީ ދެވަނަ ހާފުގައެވެ.
ފިލިޕީންސްގެ ފުރަތަމަ ލަނޑު ކާމިޔަބު ކުރީ ދެ ވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނެޓްގައެވެ.
މިލަނޑަކީ ފިލިޕީންސްގެ ނެގި ކޯނަރަު ދިފާއު ކުރަން އުޅުމުގެ ތެރޭގައި ރާއްޖޭގެ މުޙައްމަދު ސްމްދޫހް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ފިލިޕީންސްގެ ދެ ވަނަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ކާމިޔާބު ޑެންމާކަށް ނިސްބަތްވާ ޖެރީ ލުކޭނާއެވެ.
މިއީ ޑެންމާކްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުރިން ކުޅެފައިވާ ލުކޭނާ ރާއްޖޭގެ ކޮޅަށް ޖެހި ދެ ވަނަ ލަނޑެވެ. އޭނާ ވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައިވެސް ރާއްޖެކޮޅަށް ލަނޑު ޖަހާފައެވެ.
މިމެޗަކީ ވޯލްޑްކަޕް ކޮލިފައިންގައި މިމަހު އަށް ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން މިހާރު ފިލިޕީންސްގައި ޓްރޭނިންގ ކޭމްޕް ކުރިއަށްގެންދާ ގައުމީ ތީމުން އެގައުމުގައި ކުޅުނު ދެ ވަނަ މެޗެވެ.
މީގެ ކުރިން ވަނީ އެގައުމުގެ ފުރަތަމަ ޑިވިޝަންގެ ކުލަބެއް ކަމުގައިވާ ސްޓޭލިއޯން އެފްސީއާ ދެކޮޅަށްވެސް ކުލެފައެވެ. އެމެޗު ނިނުމީ 2-2 ން ދެޓީމް އެއްވަރުވެގެންނެވެ.