03 Sep 2015, 17:49
ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޕާޓީގެ ލީޑާޝިޕް ބަދުނާމުވާ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ދައްކާނަމަ، ޕީޕީއެމް ބައިބައިވެ ބަލިކަށިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމުން އެ ގޮތަށް ބުނެފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ވައިބާ ގްރޫޕުގައި ރައީސް މައުމޫނަށް ރައްދުވާ ގޮތަށް، މަޖިލީހުގެ ބައެއް މެމްބަރުން "ބަދުބަސް" ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ޔާމީން ރާއްޖެއަށް ގެންނަން މަސައްކަތް ކުރައްވާ ތަރައްގީއަށް ރައީސް މައުމޫން ހުރަސް އަޅުއްވަން އުޅޭ ކަމަށް އިޝާރާތްކޮށް ބައެއް މަޖިލިސް މެމްބަރުން ވަނީ ވައިބާގައި ވާހަކަފުޅު ދައްކާފަ އެވެ.
ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމުނާއި ޕާޓީގެ ލީޑާޝިޕް ބަދުނާމުވާ ގޮތަށް ހަގީގަތާ ހިލާފު ބައެއް ވާހަކަތައް މީޑިއާގައި އާއި ސޯޝަލް މީޑިއާތަކާއި ހާއްސަކޮށް ވައިބާ ގްރޫޕްތަކުގައި ދައްކަވަމުން ގެންދަވާތީ ޕާޓީން ހިތާމަ ކުރާ ކަމަށެވެ.
"...މިފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންނަކީ ޕާޓީގެ މެމްބަރުންނާއި، ޕާޓީގެ މެމްބަރުންނާއި ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން ކަމުގައިވާނަމަ، އެކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އުފެދި ޕާޓީ ބައިބައިވެ ބަލިކަށި ވުމަކީ އެކަށީގެންވާ ކަމެކެވެ،" ޕީޕީއެމުން ނެރުނު ބަޔާނުގައިވެ އެވެ.
ރައީސް މައުމޫނާއި ޕީޕީއެމްގެ ލީޑާޝިޕް ބަދުނާމުކޮށް ވާހަކަ ދައްކާނަމަ ޕާޓީ ބައިބައިކޮށް ބަލިކަށި ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ވީމާ އެއްވެސް ފަރާތަތަކުން ޕާޓީގެ ރައީސާއި ޕާޓީގެ ލީޑާޝިޕް ބަދުނާމުވާފަދަ އެއްވެސް ވާހަކައެއް، މީޑިއާގެ ވަސީލަތްތަކުގައި ނުދެއްކުމަށް ނަސޭހަތްތެރިވެ، އިލްތިމާސް ކުރަމެވެ،" ޕީޕީއެމް ބަޔާނުގައި ބުނެފައިވެ އެވެ.