ބ. ދޮންފަނާއި ރ. ރަސްގެތީމާއި ފ. ދަރަނބޫދު އަދި ގދ. ވާދޫގައި މިސްކިތް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓުރީގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓުރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކު މިނިސްޓަރު ޑރ. ޒިޔާދު ބާގިރެވެ. އިސްލާމިކު މިނިސްޓުރީން ބުނީ އެ މަސައްކަތަށް މުޅި ޖުމުލަ 25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މިސްކިތްތަކުގެ މަސައްކަތް ކުރުމަށް ސަރުކާރުގެ އިތުރުން ސައުދީ އަރަބިއްޔާގެ ފަރާތުން ދޭ ހިލޭ އެހީވެސް ހިމެނޭނެ ކަމަށް އިސްލާމިކު މިނިސްޓުރީން ބުންޏެވެ.

އެގޮތުން ދަރަނބޫދު އާއި ވާދޫ މިސްކިތް އިމާރާތް ކޮށްދެނީ ސައުދީ ސަރުކާރުގެ އެހީގައި ކަމަށް ވެސް އެ މިނިސްޓުރީން ބުންޏެވެ.

ހައެއް ޕޮއިންޓު ހަތަރެއް މިލިޔަން ރުފިޔާއަށް ދަރަނބޫދޫގައި އިމާރާތް ކުރާ މިސްކިތަކީ 304 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މަސައްކަތް ހަވާލުކުރީ އަމޭން މޯލްޑިވްސް ކުންފުންޏާ އެވެ.

7.7 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ ވާދޫ މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެ ކެވެ. އެ މަސައްކަތް ހަވާލު ކުރީ ބީއޭޕީސީ ޓްރޭޑިން ކުންފުންޏާ އެވެ.

ސަރުކާރުން ހަރަދުކޮށްގެން ދޮންފަނުގައި އިމާރާތް ކުރާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި 5.8 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރާ އެ މިސްކިތުގެ މަސައްކަތް ހަވާލުކުރީ އެލްއެފް ކޮންސްޓްރަކްޝަނާ އެވެ. ހަމައެއާއެކު ރަސްގެތީމުގައި 304 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށް، 6.4 މިލިއަން ރުފިޔާއަށް ހަވާލު ކުރީ އަމޭން މޯލްޑިވްސްއާ އެވެ.

ހަތަރު މިސްކިތުގެ މަސައްކަތް 10 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.