03 Sep 2015, 16:58
ހަތަރު ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށް 26 މިލިއަން ރުފިޔާ އަށް ހަތަރު ކުންފުންޏަކާ އިސްލާމިކް މިނިސްޓްރީ އިން ހަވާލުކޮށްފި އެވެ.
މިސްކިތް އިމާރާތް ކުރުމަށް މިއަދު ބިޑް އެވޯޑް ކުރީ، ރ. ރަސްގެތީމާއި ބ. ދޮންފަނާއި ފ. ދަރަނބޫދުގެ އިތުރަށް ގދ. ވާދޫގަ އެވެ.
ދިވެހި ސަރުކާރާއި ސައުދީއަރަބިއްޔާގެ ހިލޭގެ އެހީގެ ދަށުން އަޅާ އެ މިސްކިތްތައް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރެވެ.
އިސްލާމިކް މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ރަސްގެތީމުގައި 304 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް، 6.4 މިލިއަން ރުފިޔާ އަށް ހަވާލު ކުރީ އަމޭން މޯލްޑިވްސްއާ ކަމަށެވެ. އަދި ރަސްގެތީމުގައި ވެސް 304 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށް، 6.4 މިލިއަން ރުފިޔާ އަށް ހަވާލު ކުރީ ވެސް އެ ކުންފުންޏާ އެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނި ގޮތުގައި ދަރަނބޫދު އާއި ވާދޫގައި މިސްކިތް އިމާރާތް ކޮށްދެނީ ސައުދީ ސަރުކާރުގެ އެހީގަ އެވެ. ދަރަނބޫދޫގައި 304 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ އަގަކީ 6.4 މިލިޔަން ރުފިޔާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އެ މަސައްކަތް ވެސް ހަވާލުކުރީ އަމޭން މޯލްޑިވްސް އާ އެވެ.
ވާދޫ މިސްކިތް އިމާރާތް ކުރުމަށް ހަވާލުކުރީ ބީއޭޕީސީ ޓްރޭޑިން ކުންފުންޏާ އެވެ. އެއީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މަސަކަތް އެ ކުންފުންޏާ ހަވާލުކުރީ 7.7 މިލިއަން ރުފިޔާ އަށެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ އެ ހަތަރު މިސްކިތްތަކުގެ މަސައްކަތް ވެސް ގާތްގަނޑަކަށް 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ.