މިދިއަ އަހަރު މަރާލި، ހޯރަފުށީ ވިޔަފާރިވެރިޔާ ހުސައިން މަނިކު (ހުސޭނުބޭ)ގެ މަރުގެ ތަހުގީގު ފަސް ވަނަ ގިޔަރުގައި ކުރިޔަށް ގެންދަން ރައީސުލް ޖުމްހޫރިއްޔާ އެދިވަޑައިގެންނެވިތާ ފަސްމަހާ 18 ދުވަސް ފަހުން މައްސަލައިގެ ތަހުގީގު "ގާތްގަނޑަކަށް ފުރިހަމަ ކުރެވިއްޖެ" ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ހޯރަފުށީ ސީވިއު، ހުސޭނުބެއަށް ހަމަލާދީ މަރާލައި، ޒަހަމްތަކާއެކު ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ގައެވެ.

އުމުރުން 61، ހުސޭނުބޭގެ މަރުގެ މައްސަލަ ތަހުގީގުކުރަން ހޯރަފުށީގައި ގާއިމުވި ތަހުގީގު ޓީމުން އާންމުކުރި މައުލޫމާތުތައް ފިޔަވައި މިހާތަނަށް އެއްވެސް މައުލުމާތެއް އާންމުނުކޮށް އޮތުމަށް ފަހު ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިހާރު "ގާތް ގަނޑަކަށް ހުސޭނުބޭގެ މަރުގެ ތަހުގީގު މިހާރު ފުރިހަމަވެފައިވާ" ކަމަށެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް ފޮނުވާނެ ތާރީހެއް އޭނާ ނުދެއްވަ އެވެ.

ފުލުހުން މިއަދު ބުނީ ހުސޭނުބޭގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން އަދިވެސް ތިބީ ފުލުހުންގެ ހައްޔަރުގައި ކަމަށާއި މަރާ ގުޅިގެން އިތުރު މީހަކު ފަހުން ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ހުސޭނުބޭ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށްބުނެ ފުލުހުން ހައްޔަރުކޮށްފައިވަނީ ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ، ހޯރަފުށީ ޅޮހީގޭ، މުހައްމަދު ލަތީފާއި އެ ރަށު އުންމީދީ މަންޒިލް އަހުމަދު އިބްރާހިމާއި ސޯސަން ވިލާ ނުއުމާން އަބްދުﷲ އެވެ.


View Larger Map