03 Sep 2015, 16:34
ޓިރަސްޕޯލް (ސެޕްޓެމްބަރު 3) : އިރުމަތީ ޔުރަޕްގެ ކުޑަ ގައުމެއްކަމަށްވާ ރިޕަބްލިކް އޮފް ޓްރާންސްނިސްޓްރިޔާގެ ޚާރިޖީ ވަޒީރާ މިސް ނީނިޔާ ސްޓާންސްކީ އާ ކައިވެނި ބައްލަވަން ގަސްދުކުރައްވާކަން އެގައުމުގެ ރައީސް ޔުވިގިނީ ޝިފްޝޯކް އިޢްލާން ކުރައްވައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޝިފްޝޯކް ވިދާޅުވީ އޭނާގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ކަމުގެ މަގާމުގައި ހުންނެވި އުމުރުފުޅުން 31 އަހަރުގެ މިސް ނީނިޔާ ސްޓާންސްކީއާ ލޯބީގެ ގޮތުން ގުޅިވަޑައިގެންފައިވާ ކަމަށާ އެކަމަނާއާ ވަރަށް އަވަހަށް ކައިވެނި ކުރައްވާނެ ކަމުގަ އެވެ. ނަމަވެސް ކައިވެނީގެ ރަސްމިއްޔާތު އޮތް ތާރީޚެއް އަދި އިޢްލާނެއް ނުކުރެ އެވެ. ޓްރާންސްނިސްޓްރިޔާގެ ރައީސް ޝިފްޝޯކް އޭނާގެ ސަރުކާރުގެ ޚާރިޖީ ވަޒީރާއާ ކައިވެނި ކުރެއްވުމުން އެކަމަނާ ޚާރިޖީ ވަޒިރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ހުންނަވާނީ އެގައުމުގެ ފަސްޓް ލޭޑީ ގެ މަގާމުގަ އެވެ. ފަސްޓް ލޭޑީގެ މަގާމަކީ ސިޔާސީ އަދި އިދާރީ ބާރެއްނެތް ޝަރަފުވެރި މަގާމެކެވެ. އެމަގާމަށް މުސާރައެއް ވެސް ކަނޑައެޅިފައިވެ އެވެ.
ރައީސް ގެ މިނިންމެވުމާ ގުޅިގެން ރިޕަބްލިކް އޮފް ޓްރާންސްނިސްޓްރިޔާގެ ޚާރިޖީ ވަޒީރާ މިސް ނީނިޔާ ސްޓާންސްކީ ވިދާޅުވީ ރައީސް ޝިފްޝޯކް އާ ކައިވެނި ބައްލަވައިގަތުމަށް ޓަކައި ވަރަށް އަވަހަށް ޚާރިޖީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެކަމުގަ އެވެ. އަދި ރައީސްގެ އަނބިކަނބަލެއްގެ ގޮތުގައި ހުންނަވާނީ އޭނާއަށް އަންބެއްގެ ގޮތުން ނާއި ފަސްޓްލޭޑީއެއްގެ ގޮތުން އެހީތެރިވެ ޚިދްމަތް ކޮށްދެއްވުމަށް ކަމަށް ވެސް މިސް ނީނިޔާ ވިދާޅުވި އެވެ.
ރިޕަބްލިކް އޮފް ޓްރާންސްނިސްތްރިޔާ އަކީ ރޫޅިގެންދިޔަ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ގައުމެއްކަމަށްވާ މޯލްޑޯވާއިން 1990 ވަނަ އަހަރު ވަކިވެގެންފައިވާ މުސްތަގިއްލު ކުޑަ ޖުމްހޫރިއްޔާއެކެވެ. އެގައުމުގެ އާބާދީއަކީ ގާތްގަނޑަކަށް ފަސް ލައްކަ މީހުންނެވެ. އެގައުމުގެ އުފެއްދުންތަކުގެ ތެރޭގައި ފޮއްޗާއި ތައްޔާރީ ހެދުމާއި ދަނޑުވެރިކަމުގެ ބާވަތްތަކާ އަދި ބަނގުރަލާއި އޭގެ ބާވަތްތަކާއި ކެމިކަލް ހިމެނެއެވެ. (ނޮވެސްޓީ)